އިތުބާރުނެތް މައްސަލައިގަ އެއްވެސް ހުއްޖަތެއްނެތް، އެއީ ޒާތީ ކަމެއް: ނައިބު ރައީސް

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ނިންމުމަށް މަޖިލީހަށް މައްސަލަ ވައްދާފައިވާއިރު އެ މައްސަލައިގާ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ޒާތީ ކަމެއް ކަމަށް އެމަނިކުފާ...

30 Jun 2015 | 13:18

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ނިންމުމަށް މަޖިލީހަށް މައްސަލަ ވައްދާފައިވާއިރު އެ މައްސަލައިގާ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ޒާތީ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއީ ވަކި ބައެއްގެ ޒާތީ މަސްލަހަތު ހާސިލްކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އެމަނިކުފާނަކީ ރައްޔިތުންގެ ސީދާ ވޯޓު އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި "ރައްޔިތުންގެ އަތުގައި އޮތް ބާރަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ދަށުން އިންތިހާބު ކޮށްފައިވާ ފަރާތެއް ދުސްތޫރީ ގޮތުން ހުއްޖަތެއް ނެތި، ހަމައެކަނި ވަކި ބަޔަކު ނުވަތަ ވަކި ޖަމާއަތެއް ބޭނުން ގޮތަކަށް އެއްފަރާތް ކޮށްލުމަކީ ދިވެހި ރައްޔިތުންގެ އަތުގައި އޮތް ބާރެއް ނުހައްގުން އަތުލައިގަތުން" ކަމަށް ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.

"ރައީސްކަމާއި ނައިބުރައީސްކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ހެޔޮ ނިޔަތުތުގައި އަދި ދިވެހި ގައުމަށްޓަކައި ކަމަށް ވިދާޅުވަމުން އައި ބޭފުޅުންގެ ނިޔަތާއި މަގުސަދު މިއަދު މިވަނީ ރައްޔިތުންގެ ކުރިމަތީގައި ސާފުވެފައި ކަމަށާއި ގާނޫނުއަސާސީއަކީ، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ދުސްތޫރީ އެންމެހައި އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނު ކަމަށް ވިޔަސް، އެ ގާނޫނުއަސާސީގެ ހަމަތަކާއި ވެރިކަމުގެ އިންފާރުތައް މިހާރު އެކި ގޮތްގޮތަށް ބަދަލުކުރަނީ ވަކި މީހަކަށް އަމާޒު ކޮށްގެން ނުވަތަ ވަކި ބައެއްގެ ޒާތީ މަސްލަހަތަށް ކަން މިއަދު ހާމަވެފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވެފައި ވެ އެވެ.

ޖަމީލް ވިދާޅުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންގެ އަތުގައި އޮތް ބާރުތަކާއި ރައްޔިތުން ކަނޑައަޅާފައިވާ ވެރިކަން ހިންގުމުގެ ނިޒާމަށް ބޭނުންވި އިރަކު ބޭނުންވި ގޮތަކަށް ބަދަލު ގެންނަ ފަރާތްތަކުގެ ބޭނުމާއި މަގުސަދު މިއަދު ހާމަވެ ރޭވިގެން ކުރި ހީލަތްތެރި މަސައްކަތް މިއަދު މިވަނީ ރައްޔިތުންގެ ކުރިމަތީގައި ފާޅުވެފައި ކަމަށެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓުން ނިންމާފައިވާ ކަމެއް ނިގުޅައި ގަތުމަކީ، ވަކި މީހަކު ނުވަތަ ވަކި ޖަމާއަތެއްގެ އަތުގައި އޮތް ބާރެއް ބޭނުން ގޮތަކަށް ކޮށްފާނެކަން ހާމަވާކަމެއް ކަމަށްވެސް ނައިބުރައީސް ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް