ޑެންގީ ހުމަށް ފަރުވާ ދެމުންދަނިކޮށް ފަސް އަހަރުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެއީ ނިޔާވީ މިއަދު 2:15 ހާއިރު ކުޅުދުއްފުށިން އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދިޔަ ކުއްޖެއް ކަމަށެވެ. ނިޔާވީ 3:50 ހާއިރު ކަމަށެވެ.
ފަރުވާދެމުންދަނިކޮށް ނިޔާވީ ހދ. ނެއްލާދޫ، ކަގި އުމުރުން ފަސް އަހަރުގެ އިމްސާ މުހައްމަދެވެ.
އިމްޝާ ނިޔާވީ ހުންއަންނަތާ 13 ދުވަސް ފަހުން ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހުންއަންނަން ފެށުމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ބޭސް ދިނުމަށްފަހު އެކުއްޖާ ރަށަށް ފޮނުވާލީ ކަމަށާއި މިއަދު އިމަޖެންސީކޮށް މާލެ ގެނައީ ރެއިން ފެށިގެން އެކުއްޖާގެ ކަރުންނާއި ކުޑަކަމުދާ އެއްޗެހިން ލޭ އައުމުން ކަމަށެވެ.
ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ޑެންގީ ފެތުރެމުން އަންނައިރު މިދިޔަ ހަފްތާގެ ތެރޭގައި ޑެންގީ ޖެހިގެން ބިދޭސީއަކު ނިޔާވި އެވެ. މި ހަފްތާގެ ތެރޭގައި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މާބަނޑު އަންހެނަކުވެސް ނިޔާވި އެވެ. އަދި މި ހަފްތާގެ ތެރޭގައި ހަތް މަހުގެ ތުއްތު ކުއްޖަކުވެސް ވަނީ ޑެންގީ ހުމުގައި ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް