އިރުކޮޅަކުން ޝާނީ ލޯހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނިފައި އޭނާ ކުޑަކޮށް ސިހޭގޮތްވެއްޖެއެވެ. އެއީ މިތަނަށް އައުމަށް އޭނާ އިންތިޒާރުކުރަމުން ދާ މީހާއެއްނޫނެވެ. އެނާ އަވަސް އަވަހަށް ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
ނަމަވެސް ޚާލިދަކަށް އެކަރުނަތަކެއް ސިއްރެއްނުކުރެވުނެވެ. "ކީއްވެ މިގަޑީގައި މިތަނުގައި ތިއިންނަނީ.؟ ބޭބެ ބުނަމެއްނު މިގަޑިގައި މިތާއައިސް ނީންނާށޭ." ޚާލިދުއައިސް ޖޯލީގެ ވަލުގައި ހިފަހައްޓާލިއެވެ.
އެއާއެކު ޝާނީއަށް ގިސްލެވެން ފެށުނެވެ. ހެނދުނުއްސުރެ އޭނާ ހިތާމަކުރަމުން އެދަނީ އޭނާގެ ހަޔާތައް ވަމުންދާ ގޮތްތަކާމެދުގައެވެ. މިފަދަ ވަގުތެއްގައި ހަމްދަރުދީގެ ބަހެއް ޚާލިދު ފާޅުކޮށްލުމުން އޭނާ އިޚުތިޔާރުން ބޭރުވެވުނީއެވެ.
"ޝާނީ ދަރިފުޅާ " ޝާނީގެ ބޮލުގައި ފިރުމާލަމުން ހަމްދަރުދީއިން ފުރިފައިވާ ރާގަކުން ޚާލިދު ބުންޏެވެ. "މިހާރު ދަރިފުޅު ތީ ކުޑަކުއްޖެއް ނޫނެއްނު..". ޝާނީ ދެރަވެގެން ރޯ ކޮންމެ ފަހަރަކުވެސް ޚާލިދު ޝާނީއަށް މުޚާތަބު ކުރާނީ ދަރިފުޅާއޭ ބުނެއެވެ. ޝާނީއަކަށް އިތުރު އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ.
" އަހަންނަށް ކީއްވެތަ އަބަދު މިހެން ދިމާވަނީ..." ޝާނީ ބުންޏެވެ. " ކީއްވެތަ އަހަންނަށް އަބަދު ދެރަގޮތް ދިމާވަނީ"
" ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް..." ޚާލިދު ޝަނީއަށް ވިސްނާދެވޭތޯ އުޅުނެވެ. " ހަމްޒާ އާއި ކައިވެނި ކުރުމުގެ ކުރިން އޭނާގެ ގޮތް އެނގުމީ ދަރިފުޅަށް ދިމާވި ދެރަގޮތެއް ނޫނޭ"
" ހަމްޒާ އަކީ ތިބުނާ ފާޑުގެ މީހެއްނޫނޭ..." ޝާނީ ބުންޏެވެ. "އަހަރެމެން މިއުޅެނީ ވީ އެންމެ އަވަހަށް އިންނަން ވެގެން"
"ޝާނީ" ޚާލިދު މަޑުމައިތިރިކަމާއެކު ޝާނީއަށް ވިސްނާދެވޭތޯ އުޅުނެވެ. " ޝާނީއަކީ އަހަރެންގެ އަމިއްލަ ދަރިއެއްނޫނަސް އަހަރެންވެސް އަމިއްލަ ދަރިއެއްފަދައިން ޝާނީ ދެކެ ލޯބިވޭ... ދަރިފުޅަށް ދެރަގޮތެއް ވެއްޖެއިއްޔަ ޚާލިދުބެވެސް ވަރަށް ދެރަވާނެ.. މިހާތަނަށްވެސް ދަރިފުޅު ކައިރީގައި ބޭބެ ކަމަކު އެދިފައެއް ނޯންނާނެ... ބޭބެ އެދެނީ ދަރިފުޅު ތިޔަނޫން އެހެންމީހަކާ އިނުން"
ޝާނީއަށް ލިބުނީ ޝޮކެކެވެ. އޭނާ ފުންނަޒަރަކުން ޚާލިދުގެ މޫނަށް ބަލާލިއެވެ. އޭނާއަށް ގަބޫލުވެސް ނުކުރެއެވެ. ޚާލިދުބެ އެކައިވެންޏަށް ނުރުހުންވަނީ ކީއްވެހެއްޔެވެ؟ އޭނަގެ ސަބަބުން ޚާލިދަށްވެސް ވާނީ އިތުރު ބުރައަކަށް ނޫންހެއްޔެވެ. " އެއީ ކީއްވެތަ؟" ދެލޯ ބޮޑުވެފައިވާ ޝާނީ ސުވާލުކުރިއެވެ.
" އެއީ ޚާލިދުބޭ ޝާނީއަށް ދެރަގޮތެއްވާން ނޭދޭތީ.." ހާލިދު ބުންޏެވެ. " ބޭބެއަށް އެނގޭ ހަމްޒާއަކަށް ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެކަން... ދަރިފުޅަށް ފެނެއެއްނު ދޮރުމަތީގޭގެ ނާއިލާ އުޅެމުންދާ ދިރިއުޅުން.. އެހާލުގައި ދަރިފުޅު އުޅެން، ބޭބެ ބޭނުން ނުވަނީ.."
" އެކަމަކު އަހަރެންގެ ސަބަބުން މަންމައަށް ކިހާއުނދަގޫވޭ..." ޝާނީ ބުންޏެވެ. " މަންމަ ބޭނުމެއްނުވޭ އަހަރެން އެގޭގައި އުޅޭކަށް"
" މަންމަގެ ވާހަކަ ނުދައްކާ.." ޚާލިދު ބުންޏެވެ. " ބޭބެގެ ބަހެއް އަހަންޏާ ތި ހަމްޒާ އާއި ގުޅުން ހުއްޓާލާ"
" އެކަމަކު އަހަރެން ބޭނުމެއްނޫނޭ.." ޝާނީއަށް ބުނެވުނީ އެހާހިސާބަށެވެ. އޭނާގެ ވާހަކަ ހުއްޓުވާލި ޚާލިދެވެ. " އެނގިހުރި އަނދަވަޅަކަށް ފުންމާލަންތަ ދަރިފުޅު ބޭނުންވަނީ... ދެރަގޮތެއް ދިމާވިޔަސް އަނބުރާ އަންނަތިބި ބަޔަކީ ބޭބެ މެންނެއްނޫންތަ... އެހެންވީމާ ބޭބެ ބުނީތީ ތިކަން ހުއްޓާލުން އެއްމެ ރަނގަޅުވާނީ.... ބޭބެ ދަރިފުޅަކަށް މަޖުބޫރެއް ނުކުރާނަން.. ގޮތެއް ނިންމާނީ ދަރިފުޅު"
ޝާނީއަކަށް އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ. އޭނާގެ އަނގަވަނީ ހުޅުވިފައެވެ. ހިފަހެއްޓުމެއްނެތި ކަރުނަތައް ލޮލުން ފައިބަމުންދިޔައެވެ. އާދޭހުގެ ނަޒަރަކުން އޭނާ ބަލަމުން ދިޔައީ ޚާލިދުބެގެ މޫނަށެވެ. އޭނާ ހަމްޒާއާއި ކައިވެނި ކުރަން ބޭނުންވަނިކީ ކޮންމެހެން ހަމްޒާދެކެ އިންތިހާއަށް ލޯބިވާތީކީ ނޫނެވެ. އޭނާ މީހަކާއިނުމަށް އޭނާގެ ހާލަތު މަޖުބޫރުކޮށްްފައިވާތިއެވެ.
“އަން މިއޮތީ ފޯނު" އެންމެފަހުން ޝާނީގެ ފޯނު ޝާނީއަތަށް ދިއްކޮލަމުން ޚާލިދު ބުންޏެވެ. "އުއްމީދުކުރަން ޚާލިދުބެގެ ބަހުގައި ކޮންމެވެސް އަގެއް ހުންނާނެކަމަށް"
ރޭގަނޑު ނިދަންތިބިއިރުވެސް ޚާލިދާއި ހަސީނާގެ މަޝްވަރާއަކަށް ނިމުމެއް ނައެވެ. ހަސީނާ ނުރުހުން ފާޅުކުރަމުން ދިޔައީ ޚާލިދު އެކައިވެޏާއި ނުރުހުންވުމުންނެވެ.
“އޭނާ މިގޭގައި އުޅެންޏާ އަހަރެމެންނަށް ހަމަޖެހިގެން ނޭވާއެއް ލިޔަކު ނުދޭނެ..." ހަސީނާ ބުންޏެވެ.
އެކަމާ ޚާލިދު އެއްބަހެއް ނުވެއެވެ. ޝާނީ އަކީ ރަނގަޅު ކުއްޖެކެވެ. އެދޭތެރެއިން ގޯހީ ހަސީނާ އެވެ. އަމިއްލަ ދަރިޔަކަށް ނުވުމުން ހަސީނާ އޭނާއަށް ކުރާޖެއްސުން ޚާލިދަށް އެނގެއެވެ. ނަމަވެސް އޭނާ އެކަން ހުއްޓުވާނީ ކިހިނެއްހެއްޔެވެ. ގިފަހަރު އެފަދަކަންތައްތައް ހިނގަނީ އޭނާ މަހަށް ދިޔައީމައެވެ. މިރޭވެސް އޭނާ އެއުޅެނީ ފުރަންވެގެންނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އިރާކޮޅު ވެހެންފެށި ވާރޭ ހުއްޓާލާނޭ އިރަކަށެވެ.
“އޭނާ އެ ހަމްޒާއަކާއި ނީންނާނެ... " ވާރޭގެ އަޑު ކަނޑައިގެން ދިޔުމުން ޚާލިދު އެނދުން ތެދުވަމުން ބުންޏެވެ. " ހަސީނާ މީގެފަހުން ޝާނީ އާއި ދިމާއަށް އެއްވެސް އެއްޗެއް ކިޔާފިކަން އަހަންނަށް އެނގިއްޖެއިއްޔާ ހަނދާންކުރާތި.." އެނދުކޮޅުގައި ބަހައްޓާފައި ހުރި ޚާލިދު މަހަށް ގެންދާ ދަބަސް ނަގަމުން އަމުރުވެރި ރާގަކަށް ބުންޏެވެ.
“ކަލޭ ކީކޭ ކިޔަނަމޭ ހިތާތަ ތިއުޅެނީ.. އޭނ" އެނދުގައި އޮތް ހަސީނާ ފުންމައިގެން ތެދުވިއެވެ." އަހަރެންތަ އޭނާއަށް އަބަދު އެއްޗެހި މިކިޔަނީ.. އޭނ"
************
ޝާނީގެ ހިޔާލުތައް ނިމުމަކަށް އައީ ބޭރުން މީހަކު ޝާނީއަށް ގޮވާއަޑަށެވެ. އެއީ ހަމްޒާގެ އަޑެވެ. އޭރު އޭނާގެ ލޯ ކަރުނުން ވަނީ ތެމިފޯވެފައެވެ. އަތުގައި އޮތް ފޯނު އެނދުމަތީގައި ބޭއްވަމަށްފަހު ޝާނީ ހިނގައިގަތީ ކުޑަދޮރާ ދިމާއަށެވެ.
އަވަސް އަވަހަށް ޝާނީ ކުޑަދޮރުން ބޭރުބަލާލިއެވެ. އޭނާއަށް ގަބޫލުކުރަންދަތިވިއެވެ. މިއޮށްދަންވަރު ހަމްޒާ އެހެރީ ވެހުނު ވާރޭން ތެމިފޯވެގެން މިރަށުގައެވެ. ޝާނީގެ ގޭގެ ދޮރުމަތީގައެވެ. މިފަހަރު ޝާނީގެ ލޯ ތެންމާލީ އުފާވެރިކަމުގެ ކަރުނަކަމެއް ނުވަތަ ހިތާމައިގެ ކަރުނަކަމެއް ޝާނިއަކަށް ނޭނގުނެވެ. ޝާނީ އަށް ގިސްލެވެން ފެށުނެވެ.
“ޝާނީ " ހަމްޒާ މަޑުމަޑުން ގޯތިރެއަށް ވަނެވެ. އޭނާގެ ލޮލުން ފެނިގެން ދަނީ އާދޭހުގެ އަސަރެވެ. ހަމްޒާ ފެނުމާއެކު ޝާނީގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެއާއެކު ޚާލިދުގެ ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ. " ދެރަގޮތެއް ދިމާވިޔަސް އަނބުރާ އަންނަތިބި ބަޔަކީ ބޭބެ މެންނެއްނު... ބޭބެއަށް ޓަކާނަމަވެސް ތިކަން ހުއްޓާލާ" މިޖުމްލަތައް ހަނދާނަށް އައުމާއެކު ޝާނީއަށް ކުޑަދޮރު ލައްޕާލެވުނެވެ. އޭނާ ހަމްޒާއާއި އިތުރަށް ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. ލޯތްބައްޓަކައި ހަޔާތުގެ މިހާތަނަށް އެހީތެރިވެދިން މީހުންގެ އެދުމުގައި ކޮޅުފައިން ޖަހާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ޝާނީ.." ހަމްޒާ ކުޑަދޮރުގައި މަޑުމަޑުން ޖަހާލަމުން ޝާނީއަށް ގޮވާލިއެވެ. އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފޫދެމުން ދިޔައެވެ. ޝާނީ ކަންތައް މިކުރާގޮތުން އޭނާ މުޅިން ގޮތްހުސްވެފައި ވާކަހަލައެވެ. "ޝާނީ ކިހިނެއް ވެގެންތަ ތިއުޅެނީ..." ހަމްޒާ އަސަރުން ފުރިގެންވާ ރާގަކަށް ބުންޏެވެ. "އަހަރެންނަށް ވެގެން އުޅޭގޮތް ކިޔާދީބަލަ... ޝާނީއަށް ޓަކައި މިއޮއް ވިއްސާރައިގައި ކަޑު ހުރަސްކޮށްފައި އަހަރެން މިހިރީއައިސް... ތިހެން ނުހަދަބަލަ ޝާނީ.. ޕްލީޒް" ހަމްޒާގެއަޑުގައި މާޔޫސްކަން އެކުލެވިފައި ހުއްޓެވެ.
ކޮޓަރިތެރޭގައި ކުޑަދޮރުގައި ލެނގިލައިގެން ހުރި ޝާނީގެ ހިތް ފަޅައިގެން ދާހާވަރުވަނީ ވެފައެވެ. އޭނާ އެތެރެހަށިން ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ލޮލުން ފޫދިގެން ފައިބަމުންދާ ކަރުނަތައް އޭނާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ބޭބެގެ ހުރިހާ ވާހަކައްގައި އަލިފާން ރޮއިކޮށްފައި ނިކުމެ ހަމްޒާއާއެކު ފިލާފާނަމޭ އޭނާގެ ހިތަށް އެތައްފަހަރަކު އެރިއެވެ. އޭނާއަށް ހެދޭ ނުހެދޭއެއްވެސް ނޭގެއެވެ. ބައެއްފަހަރު ދެކަންފަތުގައި އަތްއަޅާފައި ރޯންފަށައެވެ. އަނެއްބައިފަހަރު އެނދުމައްޗަށް ވެއްޓިގަނެއެވެ. އަދި ބައެއްފަހަރު ދޮރުހުޅުވަންވެސް ފަށައެވެ. ނަމަވެސް ކޮންމެވެސް ބާރެއް އޭނާ ހުއްޓުވަނީއެވެ. އޭނާއަށް ހަމްޒާގެ މައްޗަށް ފުރިހަމަ އިތުބާރު ނެތީކަން ނޭގެއެވެ.
ބޭރުގައި ހުރެގެން ހަމްޒާ ކުޑަދޮރުގައި މަޑުމަޑުން ތަޅަމުން ޝާނީއަށް އާދޭސް ކުރަމުން ދިޔައެވެ. ބައެއްފަހަރު އޭނާގެ ސިކުނޑިއަށް ރުޅިވެރިކަން ވަދެގެން ދެއެވެ. އެވަގުތަކީ ވާރޭ ތުނިކޮށްލުމުން ޚާލިދު ފުރަން ދިޔުމަށްޓަކައި ގޯތިތެރެއަށް ނިކުތް ވަގުތެވެ. ބޭރުން މީހަކު ވާހަކަދައްކާއަޑު ޚާލިދަށް އިވޭތާ އޭރު އިރުކޮޅެއްވެއްޖެއެވެ. ބޭރުދޮރުން ޚާލިދު ނިކުތްތަން ހަމްޒާއަށްފެނުނެވެ. އަދި ކުޑަކޮށް ފަހަތައް ޖެހިލެވޭގޮތްވިއެވެ. އެއާއެކު ޚާލިދަށްވެސް ހަމްޒާފެނުނެވެ. ޚާލިދަށް ގަބޫލުކުރަން ދަތިވިއެއެވެ.
“މިއޮއްދަންވަރު މިތާގަ ކީއްތިކުރަނީ.." ހައިރާންވެފައިވާ ޚާލިދު ހަމްޒާ ފެނުމުން ސުވާލުކުރިއެވެ. އެވަގުތަކީ ހަމްޒާގެ ރުޅިގަނޑު އިންތިހާއަށް ގޮސްފައިވާ ވަގުތެކެވެ.
" އަހަރެން މިއައީ ޝާނީ ބަލާ...." ހަމްޒާ ބުންޏެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް