ރިއަލް މެޑްރިޑުން އިނގިރޭސި ގައުމީ ޓީމުގެ ރައިޓް ފުލްބެކް ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ލިވަޕޫލުން ގެނެސް 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
ރެއާލުން ހުކުރު ދުވަހު މިކަންވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. އަދި ޖޫން 18 ގައި މަޔާމީގައި ފެށޭ ކްލަބް ވޯލްޑް ކަޕްގައި 26 އަހަރުގެ މި ޑިފެންޑަރު ބައިވެރިކުރުމަށް ފީއެއް ދައްކާފައިވާކަންވެސް ރެއާލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ލިވަޕޫލްގެ އެކަޑަމީން ނިކުމެގެންއައި އެލެކްސެންޑަރ-އާނޯލްޑް ވަނީ އެ ކްލަބަށް 352 މެޗު ކުޅެ، 2019 ގައި ޗެމްޕިއަންސް ލީގާއި 2020 އަދި 2025 ގައި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ދިއުމާ ގުޅިގެން ބައެއް ފޭންސް އޭނާއަށް ފާޑުކީ ނަމަވެސް، އެންފީލްޑްގައި ބޭއްވުނު ލިވަޕޫލްގެ ޓްރޮފީ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އޭނާއަށް ވަނީ ހޫނު ތަރުހީބެއް ދީފައެވެ.
މި ބަދަލާއެކު އޭނާއާ ބައްދަލުކުރާނީ ކާރލޯ އެންޗެލޯޓީގެ ބަދަލުގައި މިހާރު ރިއަލް މެޑްރިޑްގެ ކޯޗުކަމަށް ގެނެސްފައިވާ ކުރީގެ ލިވަޕޫލް ކުޅުންތެރިޔާ ޒާބީ އަލޮންސޯއާއެވެ. އަނިޔާތަކާއި ފޯމު ދަށްވުމުގެ ސަބަބުން މި ސީޒަންގައި ރިއަލް މެޑްރިޑަށް ރައިޓް ފުލްބެކްގެ މަޤާމަށް ދަތިތަކާ ކުރިމަތިވެފައިވާތީ މި ހުނަރުވެރި ކުޅުންތެރިޔާގެ ސޮއި ހޯދާނެ ކަމުގެ އަޑުތައް ކުރިންވެސް ވަނީ ފެތުރިފައެވެ.
އަނިޔާތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ރެއާލްގެ ޑިފެންސް ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ކްލަބުން ވަނީ ސްޕެއިންގެ ސެންޓަރ ބެކް ޑީން ހުއިޖްސެން ބޯންމަތުން ގެނެސް ސޮއިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް