ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް މެންބަރު މީކާއީލް ނަސީމް ރައްޔިތުންގެ އިމިގްރޭޝަން ޤާނޫނަށް އިޞްލާޙެއް ހުށަހަޅުއްވައިފިއެވެ.
އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މި އިޞްލާޙުގައި ބުނެފައިވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަޞްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލު ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި ޢަމަލުކުރާނެގޮތެއް ސާފުކޮށްދީފައިނުވާތީއާއި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތީތީ، ސީދާ ޤާނޫނަށް ގެންނަ ބަދަލަކުން މި ފިޔަވަޅު އެޅުން އަވަސްކުރުން ކަމަށެވެ.
މީކާއީލް އިޞްލާޙް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގައި "ރައްޖޭގެ އެތެރެވުމުގެ ހުއްދަނެތް މީހުން"ގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ. އަށްވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ އެ މާއްދާގެ (ހ) ގައި ބުނަނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިސްރާއީލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ޤައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭ) ކަމަށެވެ.
މި އިޞްލާޙު ހުށަހަޅާފައިވާއިރު އިސްރާއީލުން ޣައްޒާގެ ރަފަހް އަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތައް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި އެ ހަމަލާތަކުގައި ކޮންމެ ދުވަހަކުމެ ކުށެއް ނެތް އެތައް މުސްލިމުންނެއް އަންނަނީ ސަހީދުވަމުންނެވެ. އިސްރާއީލުގެ މައްސަލައިގާ މިހާރު ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮތީ ރާއްޖެއިން އިސްރާއީލު ޕާސްޕޯޓު މަނާ ނުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް