އަރަބި ކަނޑުން އިންޑިއާ ކައިރީގައި ތޫފާނީ ސާކިއުލޭޝަނެއް

އަރަބިކަނޑުން އިންޑިއާ ކައިރީގައި ތޫފާނީ ސާކިއުލޭޝަނެއް އުފެދިފައިވާކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ. އެ ޑިޕާޓްމެންޓުން މިއަދު ދީފައިވާ "ޑެއިލީ ބްރީފިންގ" ގައި ބުނެފައިވަ...

30 May 2024 | 11:28

އަރަބިކަނޑުން އިންޑިއާ ކައިރީގައި ތޫފާނީ ސާކިއުލޭޝަނެއް އުފެދިފައިވާކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ.

އެ ޑިޕާޓްމެންޓުން މިއަދު ދީފައިވާ "ޑެއިލީ ބްރީފިންގ" ގައި ބުނެފައިވަނީ އަރަބި ކަނޑުގެ އިރު ދެކުނުން ކެރަލާގެ އައްސޭރީގައި "ލޯ ސާފެސް ލެވެލް" ގައި "ސައިކްލޯނިކް ސާކިއުލޭޝަން" (ތޫފާނީ ސެޓަޕް) އެއް އުފެދިފައިވާކަމަށެވެ. އަދި ހަމަ އެ ސަރަހައްދުގައި "ޓްރަފް" އެއްވެސް އުފެދިފައިވާކަމަށެވެ.

ތޫފާނީ ސެޓަޕަކީ ތޫފާނެއް އުފެދުމުގެ ފުރުސަތު އޮންނަ އެންމެ ފުރަތަމަ މަރުހަލާއެވެ. ސައިކްލޯނިކް ސާކިއުލޭޝަނަކުން ލޯ ޕްރެޝަރ އޭރިއާއެއް އުފެދި އެއަށްފަހު ވެލް މާކްޑް ލޯ ޕްރެޝަރ އޭރިއާއެއް އުފެދި އެއަށްފަހު ޑިޕްރެޝަން އެއް އުފެދި އަދި އެއަށްފަހު ޑީޕް ޑިޕްރެޝަންއެއް އުފެދި ސައިކްލޯން (ތޫފާން) އެއްގެ ގިންތިއަށް ބާރުގަދަވާނީ އެހާ ހަމައިންނެވެ. ސައިކްލޯން ފިޔަވައި މި ހުރިހާ މަރުހަލާއަކަށްވެސް ދިވެހިން ކިޔާ ނަމަކީ ކޮޅިގަނޑެވެ.

އެ ސަރަހައްދުގައި ތޫފާނީ ސެޓަޕެއްގެ އިތުރުން "ޓްރަފް" އެއް އުފެދިފައިވާކަމަށްވެސް ބުނެފައިވެއެވެ. ޓްރަފް އަކީ ލޯ ޕްރެޝަރ އޭރިއާއަކާއި ދާދި އެއްގޮތް އެހެންނަމަވެސް އެނބުރި އެއްތަނަކަށް ވައި ޖަމާނުވެ ދިގުކޮށް ދެމިގެންދާ ދިއުންތަކެވެ.

އިންޑިއާގެ މެޓުން އިތުރަށް ބުނެފައިވާގޮތުގައި މިއަދު އިންޑިއާއަށް މިވަނީ ހުޅަނގު މޫސުން ރަސްމީކޮށް ފެށިފައެވެ.

އަރަބި ކަނޑަކީ އިންޑިއާގެ ހުޅަނގުން އޮންނަ ކަނޑެވެ. ދާދި ފަހުން ތޫފާނެއް އުފެދުނު ބަންގާޅު ކަނޑަކީ އިންޑިއާގެ އިރުން އޮންނަ ކަނޑެވެ. ރާއްޖެ މި އޮންނަ ސަރަހައްދުގެ ގޮތުން ދެ ކަނޑުގައިވެސް އުފެދޭ ތޫފާނީ ސިސްޓަމްތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް