ޗާގޮސް ކޯލިޝަންގެ އެއްވުމަށް ނުދާން ގާސިމް އެދިވަޑައިގެންފި

އިދިކޮޅު ޕާޓީތަކާއި ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކަނޑުވިއްކުމާއި ދެކޮޅު ކޯލިޝަން (ޗާގޮސް ކޯލިޝަް) އިން ބޭއްވުމަށް ރާވަމުންދާ ބޮޑު އެއްވުމަށް ނުދާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމ...

30 May 2023 | 16:53

އިދިކޮޅު ޕާޓީތަކާއި ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކަނޑުވިއްކުމާއި ދެކޮޅު ކޯލިޝަން (ޗާގޮސް ކޯލިޝަް) އިން ބޭއްވުމަށް ރާވަމުންދާ ބޮޑު އެއްވުމަށް ނުދާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

އެ ކޯލިޝަންގައި ހިމެނެނީ އެމްއެންޕީ، ޖޭޕީ، ދަ ޑިމޮކްރޭޓްސް، ޕީޕީއެމް، ޕީއެންސީ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން ދެވަނަ ދުވަހުގެ ރޭ އެވެ.

ޖޭޕީ ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގައުމުގެ މަސްލަހަތު މި ވަގުތު ހުރި ގޮތުން އިލްތިމާސަކީ އެ ޖަލްސާގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުން ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ މާހިރުންގެ ލަފައާ އެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތައް ހޯދޭތޯ މަސައްކަތް ކޮށްފި ނަމަ، ހަގީގީ ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭ 1، 2015 ގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ނަތީޖާ އަށް ބަލަން ޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވިގޮތުގައި، ޖޭޕީން އޭރު ވެސް ނިންމީ މޭޑޭގެ މުޒާހަރާގައި ބައިވެރި ނުވުމަށެވެ.

އެއްވުމުގައި ޖޭޕީން ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގަތްއިރު އެ ޕާޓީ ތަމްސީލްކޮށް ކެންޑޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ގެންދަވަނީ އެ ކޯލިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް