ކޯޓު އަމުރު ނިމޭ ގޮތަކުން އިމްރާން ހާން ޑިސްކޮލިފައި ވެއްޖެނަމަ ޕާޓީ ދެން ލީޑްކުރާނީ ވައިސް ޗެއަރމަން ޝާހް މަހްމޫދު ގުރޭޝީ ކަމަށް ޕާކިސްތާން ތެގްރޭކް-އީ-އިންސާފް (ޕީޓީއައި) ޗެއަރމަން އިމްރާން ހާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ނޫސްވެރިންނާއި އެކު އޭނާގެ ޒަމަން ޕާކް ރެޒިޑެންސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ މިހެން ބުނެފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕީޓީއައިގެ ވެރިޔާ ވެރިކަމުން ދުރުކުރި ފަހުން ކޮރަޕްޝަނުން ފެށިގެން ޓެރަރިޒަމްގެ ގިނަ މައްސަލަތަކެއް ތުހުމަތު އޭނާގެ ބޮލުގައި އެޅިފައިވާ ދަނޑިވަޅެއްގަ އެވެ.
މެއި މަހުގެ ނުވަ ވަނަ ދުވަހު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން އިމްރާން ޚާން ވަނީ 190 މިލިއަން ޕައުންޑްގެ އަލްގާދިރު ޓްރަސްޓް މައްސަލައިގައި ތުހުމަތުތަކާ ގުޅިގެން ހައްޔަރު ކޮށްފަ އެވެ.
ނަމަވެސް އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.
މެއި މަހުގެ ނުވަ ވަނަ ދުވަހު އިމްރާން ޚާން ހައްޔަރުކުރުމުން އޭނާގެ ސަޕޯޓަރުން ވަނީ މުޅި ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް، ސަރުކާރުގެ އެކި އިމާރާތްތަކާއި، މޮނިއުމަންޓުތަކަށް ހަމަލާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް