ކުޅުދުއްފުށީ ސިޓީ ކައުންސިލް ހުރިހާ މެމްބަރުން ދަ ޑިމޮކްރޭޓްސްއަށް ސޮއި ކޮށްފިއެވެ.
ޑިމޮކްރޭޓްސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކައުންސިލްގެ މޭޔަރާއި ކައުންސިލްގެ ހުރިހާ މެމްބަރުން އެ ޕާޓީ އާއި ގުޅުމަކީ ލިބުނު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ކާމިޔާބެއް ކަމަށެވެ.
ހަސަން ވަނީ ހުރިހާ ކައުންސިލަކުންނަށް ޝުކުރު އަދާ ކުރައްވާފައި އެވެ. މީގެ ކުރިން އެ ހުރިހާ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
ކައުންސިލްގެ އިތުރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފުވެސް ވަނީ މީގެ ކުރިން އެމްޑީޕީން ވަކިވެ ޑިމޮކްރޭޓްސްއަށް ސޮއި ކުރައްވާފައި އެވެ.
މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އެ ބޭފުޅުން ތާއީދު ކުރެއްވީ ޑިމޮކްރޭޓްސް ޕާޓީ އުފެއްދުމުގެ އަޑީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. ކުޅުދުއްފުށީ ސިޓީ އަކީ އެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެޖޯރިޓީ ނުލިބުނު ހަމަ އެކަނި ސިޓީ އެވެ.
ދަ ޑިމޮކްރޭޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ޕާޓީން ދަނީ 3،000 މެމްބަރުންގެ ސޮއި ހޯދުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް