ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކަކީ ސޯލާ ހަކަތައިން ހިންގާ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްއިން މިކަން ހާމަކޮށްފައި ވަނީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އެވެ.
ކާލް ވިދާޅުވީ މި އަހަރު އިތުރު 56 އޭޓީއެމެއް ގާއިމުކުރަން ބީއެމްއެލުން ނިންމާފައިވާ ކަމަށެވެ.
އަދި ބީއެމްއެލްގެ އޭޓީއެމްތަކަކީ އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހިންގާ ތަންތަނަށް ހެދުމަށާއި ބޭންކުގެ ބްރާންޗުތަކުގެ މަރާމާތުގެ މަސައްކަތްތަކަކީވެސް ވީހާވެސް ބޮޑަށް ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށެވެ.
މިގޮތުން ތިމާވެއްޓާ ވީހާ ވެސް ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތްތަކަށް ބޭންކުގެ އޮޕަރޭޝަންތައް ބައްޓަން ކުރެވިފައިވާކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަކީ ބީއެމްއެލް އިން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށް ކާލް ވިދާޅުވެފައި ވެއެވެ.
މި އަހަރު އަލަށް ހުޅުވާ އޭޓީއެމްތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބަހައްޓާނެ ކަމަށާއި އެކަމަށް ބޭނުންވާ ބިން ކަނޑައެޅި އެކަމުގެ ލީސް އެގްރީމަންޓުވެސް މިހާރު ސޮއިކޮށްފައިވާ ކަމަށް ބީއެމްއެލުން ރޭގެ ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ބީއެމްއެލްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސެކިއުރިޓީ ފީޗާތައް މިހާރަށްވުރެ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭންކުން މިހާރު މެނުއަލްކޮށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އޮޓަމޭޓެޑް ގޮތަކަށް ދެވޭނޭ ގޮތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބީއެމްއެލުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް