ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާގެ އުމުރު ކުއްލިއަކަށް އާންމުންނަށް އޮޅި، އެކަން ބޮޑު ޖޯކަކަށް ވެއްޖެ އެވެ.
މަލައިކާ އުމުރަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮއްނަ ކަމެކެވެ. އެއީ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ ބޮލީވުޑްގެ ބަތަލް އަރްޖުން ކަޕޫރު މަލައިކާއަށްވުރެ 12 އަހަރު ހަގުވީމަ އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އަރްޖުން އާންމު ކުރި ފޮޓޯއެއްގައި ފެންނަނީ އޭނާގެ ޒުވާން ހަށިގަނޑެވެ. އެއާއެކު ގިނަ ބައެއްގެ ތައުރީފު ހަށިގަނޑާއި އޭނާގެ ޒުވާން ކަމަށް އަމާޒުވާން ފެށުމާއި އެކު ކުއްލިއަކަށް ދައުރު ކުރަން ފެށީ މީގެ އެތައް އަހަރެއް ކުރިން މަލައިކާ އާއި އޭނާގެ ކުރީގެ ފިރިމީހާ، އަރްބާޒް ހާންގެ އިންޓަވިއު އެކެވެ.
ޑައިރެކްޓަރު ސާޖިދް ހާން ކޮށްފައިވާ އެ އިންޓަވިއުއަކީ މަލައިކާ އާއި އަރްބާޒް ކައިވެނި ކޮށްގެން އުޅުނު އިރު ކޮށްފައިވާ އިންޓަވިއު އެކެވެ. އެ އިންޓަވިއުގައި ސާޖިދު މަލައިކާ ކައިރީ އަހަނީ އޭނާއަށް ވުރެ އުމުރުން ހަގު ފިރިއެއް ލިބިފައި ހުރުމުން ކުރެވޭ އިހުސާސްތަކާއި ގުޅޭގޮތުންނެވެ. ޖަވާބުގައި އޭނާ ބުނީ އަރްބާޒަށް ވުރެ އުމުރުން ދޮށީ ވިޔަސް މައްސަލައެއް ނެތް ކަމަށާއި އެކަމާއި ހަމަ ވަރަށް ކޫލް ކަމަށެވެ.
އެ އިންޓަވިއު އާއި އެކު މަލައިކާގެ އުމުރު ކުއްލިއަކަށް އާންމުންނަށް ވަނީ އޮޅިފައި އެވެ. އަދި މަލައިކާ ވަނީ އެންމެންނަށް ބޮޑު ޖޯކަކަށް ވެފައި އެވެ.
އަރްބާޒްގެ މިހާރުގެ އުމުރަކީ 55 އަހަރެވެ. ގޫގުލްގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މަލައިކާގެ އުމުރަކީ 49 އަހަރެވެ. އެކަމަކު އިންޓަވިއުގައި ދެއްކި ވާހަކައަށް ބަލާއިރު އޭނާގެ އަސްލު އުމުރު އަރްބާޒަށްވުރެ ދެ އަހަރު ދޮށީކަމުން މިހާރު އޭނާއަށް 57 އަހަރު ކަމަށް ބުނެ ދަނީ ވާހަކަ ދައްކަމުންނެވެ.
ފާޑުކިޔާ މީހުން ބުނަމުން ދަނީ މަލައިކާ ޒުވާން ވާން މޭކަޕްކޮށް، ޅަ ކުދިންނާއި ރައްޓެހި ވަނީ އުމުރު އޮޅުވާލަން ވެގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް