ވަޒީރުންގެ ޖަވާބު އަވަސް ވާނީ ބަރުލަމާނީ ނިޒާމުގައި: ނަޝީދު

ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކުގެ ޖަވާބު އަވަސްވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ވަޒީރުންނާއި ...

30 May 2023 | 06:44

ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކުގެ ޖަވާބު އަވަސްވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާއި ކުރާ ސުވާލުތަކަށް14 ދުވަސް ތެރޭ ޖަވާބުދޭން ޖެހޭ ކަމަށް ގަވައިދުގައި އޮތް ނަމަވެސް ދެ ތިން މަސް އެކަމަށް ނަގާކަމަށް ވިދާޅުވެ ހިތްހަމަ ނުޖެހުން ފާޅު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒު ވަނީ މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މި ވާހަކަ އާއި ގުޅިގެން ނަޝީދު ވިދާޅުވީ އެކަން ހިނގާގޮތް އަމީން އާންމުގެ އަރިހުން ސާފު ކުރައްވާފައިވާ ކަމަށާއި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުލިބި ލަސްވަނީ ހަމައެކަނި ވަޒީރުގެ ސަބަބުން ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ނިޒާމް ޕާލިމަންޓަރީ ނިޒާމަކަށް ނޭނބުރި، މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މި ގޮތަށް ހިނގަމުންދާނެ ކަމަށެވެ.

ނަޝީދު އެ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަފުޅެވެ.

ނަޝީދުގެ އަބަދު ހުވަފެންފުޅަކީ ރާއްޖޭގައި ވެރިކަން ކުރަމުން މިދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމެވެ. އެމަނިކުފާނުގެ ޕާޓީ ތެރެއިން ބާކީވާން ޖެހުނީވެސް އެ ނިޒާމަށް އެމްޑީޕީގެ އާންމު މެމްބަރުންނާއި މިހާރުގެ ލީޑާޝިޕުން ތާއީދު ނުލިބިގެންނެވެ.

އެހެންވެ ނަޝީދު އަޑީގައި ހުންނަވައިގެން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީ އުފެއްދުމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ދަނީ ޕާޓީން ވަކިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް