ކުލި ނުދެއްކިޔަސް ރިސޯޓުތަކުގެ ހުއްދަ ބާތިލެއް ނުކުރާނަން: މިނިސްޓަރު

ބައެއް ރިސޯޓު ތަކުން ދައުލަތަށް ކުލި ނުދައްކާ ހިންގަމުން ދިޔަ ނަމަވެސް މިވަގުތު އެ ރިސޯޓްތަކުގެ ލައިސަންސް ބާތިލްކޮށް އެފަދަ ރިސޯޓްތައް ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދު...

30 May 2022 | 10:13

ބައެއް ރިސޯޓު ތަކުން ދައުލަތަށް ކުލި ނުދައްކާ ހިންގަމުން ދިޔަ ނަމަވެސް މިވަގުތު އެ ރިސޯޓްތަކުގެ ލައިސަންސް ބާތިލްކޮށް އެފަދަ ރިސޯޓްތައް ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ކުލި ނުދައްކާ ރިސޯޓްތަކުގެ ލައިސަންސް އަތުލައި ތަން ބަންދުކުރުމަކީ މިނިސްޓްރީއަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން މިވަގުތު އިސްކަންދެނީ މަޝްވަރާކޮށްގެން ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމަށެވެ. ތަނެއް ބަންދުކުރުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމަކީ ވެސް ސަރުކާރުން ވިސްނަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. ފައިސާ ލިބެމުންދާ ކަންވެސް ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ކުލި ނުދައްކާ އޮތް 18 ރިސޯޓަކަށް ނޯޓިސް ދީގެން ފައިސާ ހޯދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ މައްސަލަ އަކީ އަވަސް އަދި ދާއިމީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ދައުލަތުގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. ރިސޯޓްތަކަށް ފިޔަވަޅު އެޅުމުގައި ސިޔާސީ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމުގެ މި ޖަވާބާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު މައުސޫމް ދެއްކެވީ ވަޒީރަކު ދައްކަވާ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް