ޔާމީން ގެކޮޅުގައި ދެމި ބެނާ މައްސަލައިގަ ހައި ކޯޓުން ކުރި ހުކުމަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ މައްސަލައިގަ ހައި ކޯޓުން ކުރި ހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ. އެ ބެނާ ފުލުހުން ނެގ...

30 May 2022 | 06:33

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ މައްސަލައިގަ ހައި ކޯޓުން ކުރި ހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

އެ ބެނާ ފުލުހުން ނެގީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށެވެ. އެ އަމުރު ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް އިދިކޮޅު ޕީޕީއެމްއިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރމުން އެ ކޯޓުން ވަނީ ބެނާ ނެގީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ.

އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތުކޮށެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ސަބަބުތައް ހައި ކޯޓަށް އެންމެ ރަނގަޅަށް ސާފު ނުވާ ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ ކޯޓު އަމުރު ނެރެދިނުމަށް އެދުނީ ހަ ސަބަބެއް ފާހަގަކޮށްފައި ކަމަށެވެ.

މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނު މާނަ ކުރާއިރު މަޖިލީހުގެ ނިޔަތް ރަމްޒުވެފައި ނެތް ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހު ކުރުަން މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ.

އެއީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް