ނޭޕާލްގެ ޑޮމެސްޓިކް އެއާލައިނެއް ކަމަށްވާ ތާރާ އެއާލައިންގެ މަތިންދާ ބޯޓު ވެއްޓިފަ އޮއްވަ ފެނިއްޖެ އެވެ.
އެ ބޯޓު ގެއްލިފައި ވަނީ އިއްޔެ އެ ގައުމުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޕޮކްހަރާއިން ޓޫރިސްޓުންގެ މެދުގައި މަގުބޫލް ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޖޮމްސޮމްއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ޖޮމްސޮމްއަށް ޖައްސަން ހަމަޖެހިފައިވާ ގަޑީގެ ފަސް މިނެޓު ކުރިންނެވެ.
އެ ބޯޓުން 22 މީހުން ދަތުރު ކުރިއިރު އެ އެންމެންގެ މަރުވެފައިވާ ހަށިގަނޑުތައް ވަނީ ބޯޓު ވެއްޓިފައިވާ މަސްޓަންގް ޑިސްޓްރިކްޓުން ފެނިފައިވެ އެވެ. ބޯޓު ވެއްޓިފައިވަނީ އެ ސަރަހައްދުގެ 11،000 މީޓަރު އުސް ސަރަހައްދަކަށެވެ.
ނޭޕާލް ސަރުކާރުން ބުނީ ބޯޓު ވެއްޓިފައިވާ ސަރަހައްދު ހޯދިފައިވަނީ ސިފައިން ރެސްކިއު ޓީމަކަށެވެ. ބޯޓުން ދަތުރު ކުރި މީހުންގެ ހަށިގަނޑުތައް ފެނުނު ނަމަވެސް ގިނަ މީހުންނަކީ ކާކުކަން ނޭނގޭ ވަރަށް އެމީހުންގެ ހަށިގަނޑު ހަލާކުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ ބޯޓުން ދަތުރު ކޮށްފައިވަނީ ނޭޕާލްގެ 16 މީހުންނާއި އިންޑިއާ ހަތަރު މީހުންގެ އިތުރުން ޖަރުމަނުވިލާތުގެ ދެ މީހުންނެވެ.
ބޯޓު ވެއްޓުނު ކަމަށް ބެލެވެނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މި ދުވަސް ވަރު ނޭޕާލަށް ބޯކޮށް ވާރޭ ވެހެމުންދާތީ ދުރު ފެނުން ވަރަށް ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނޭޕާލަކީ އާންމުކޮށް މިފަދަ ހާދިސާތައް ހިނގާ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް