ކޮވިޑްގައި އެޑްމިޓް ކުރި މާބަނޑު އަންހެނެއް އޮޕަރޭޝަން ކޮށްފި! ދެމައިންވެސް ރަނގަޅު

ކޮވިޑްގައި އެޑްމިޓް ކުރި މާބަނޑު އަންހެނެއް އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ދެމައިންވެސް ރަނގަޅު ކަމަށް ބ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ޅ. އޮޅުވެލިފުށިން ބ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު މީހާ އ...

30 May 2021 | 18:08

ކޮވިޑްގައި އެޑްމިޓް ކުރި މާބަނޑު އަންހެނެއް އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ދެމައިންވެސް ރަނގަޅު ކަމަށް ބ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ޅ. އޮޅުވެލިފުށިން ބ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު މީހާ އޮޕަރޭޝަންކޮށްފައި ވަނީ މިރޭ19:50 ހާއިރުއެވެ. އެއީ ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން މާބަނޑު އަންހެނެކެވެ.

" މާތް ﷲ ގެ ރަހުމަތުން ދެމައިންގެ ހާލުވެސް ރަނގަޅު. ވިއްސުމުގެ ކަންކަމުގައި އުޅުއްވި ހޮސްޕިޓަލުގެ ހީވާގި ޓީމަށް ފަށްފަށުން ޝުކުރު ދަންނަވަން" ބ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ.

މާބަނޑު މީހުންނަށް ކޯވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވެސް ވިދާޅުވެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޑރ. ފައިސަލް ވިދާޅުވީ ކޯވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާބަނޑު މީހުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މި ބަލީގައި ހާލު ބޮޑުވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ގިނަކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އައިސީޔޫއަށްލާން ޖެހޭ މީހުންގެ އިތުރުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭ މާބަނޑު މީހުން ވެސް އެބަތިބި ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ހާލަތުގައި ދަރިފުޅު ނިޔާވެ، އެބޯޓުވުން ފަދަ ހިތާމެރި ހާދިސާތައް ހިނގާ ކަމަށެވެ.

މާބަނޑު މީހުންނަކީ ހައިރިސްކް މީހުންކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ 35 އަހަރަށް ވުރެ އުމުރު މަތިނަމަ، ނޭވާ ހިއްލާނަމަ، ލޭމައްޗަށް ދާނަމަ ނުވަތަ ހަކުރު މައްޗަށްދާ ނަމަ ނުވަތަ އެހެން ދާއިމީ ބައްޔެއް ހުރި އަންހެނެއްނަމަ ރިސްކް ބޮޑުވާނެ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް މާބަނޑު އަންހެނުން ޚާއްސަކޮށް ސަމާލުވާން ޖެހޭ ކަމަށާއި  މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ޑރ. ފައިސަލް އިލްތިމާސްކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް