ގޭގައި ނަމާދުކުރާނެތަން ދަތި މީހުންގެ ކަންބޮޑުވުން މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުއާ ހަމައަށް ފޯރައިފިއެވެ.
މުއިއްޒު ވިދާޅުވީ، މިރޭ ވަރަށް ހިތްދަތިވެފަ، ނިކަމެތި ރައްޔިތަކު މުއިއްޒުއަށް ގުޅި ކަމަށެވެ. އަދި 5 ދަރިންނާއި، ބަލި މަންމައާއި، އަންހެނުންނާއި ދިރިއުޅެނީ 10*12 ކޮޓަރިއެއްގައިކަމާއި، ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން މިސްކިތަށްދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލިކަމަށް އެމީހާ ބުނެފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
"ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސްޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ މަޙުރޫމް ކުރަންވީ" އޭނާ އަސަރާއެކު ސުވާލުކުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު ކަމަށާއި ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވާނަމް، ސިޔާސަތެއް ހަދަންވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަޑު ނާހައި ސިޔާސަތެއް ހެދުމުން، ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ ކަމަށެވެ.
ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމާފައި ވަނީ މި މަހުގެ26 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީގެ އެ އިއުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވީނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުމަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުން އަންނަ ކަމަށެވެ.
“މި ދަނޑީވަޅުގައި މިސްކިތަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށް އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ” މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް