ޓެރަރިޒަމްގެ ކުށްތަކުގައި ބަލާ ފާސްކުރާއިރު، ކޯޓް އަމުރު ބޭނުން ނުވާނެގޮތް ހެދުމަށް ހުށަހަޅަނީ

ކޯޓު އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރެވޭގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ. މިފަދަ އިޞްލާޙެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައ...

30 May 2021 | 15:44

ކޯޓު އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރެވޭގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

މިފަދަ އިޞްލާޙެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި މި ވަނީ، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކަމަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވިކަން ހާމަކޮށް އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) ން ބުނެފައިވެ އެވެ.

މީގެ އިތުރުން، ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުން ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަކީވެސް މި އިސްލާހުގެ އެއް އަމާޒެވެ.

އަދި ޓެރަރިޒަމްގެ ޢަމަލުތައް ކުރާ ނުވަތަ އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.

އެގޮތުން، ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅަން ނިންމާފައިވާ މައިގަނޑު ބަދަލުތަކަކީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމެވެ. އަދި އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުމެވެ.

އޭޖީ އޮފީހުން ބުނީ ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ، އެފަދަ ފަރާތްތަކުގެ ތެރެއިން، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ. އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލަން މި އިސްލާޙުގައި ހިމަނާފައިވެ އެވެ.

އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ޤާނޫނު އިޞްލާޙު ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި އެ އިސްލާޙުގައި ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް