ހަރުކަށި ފިކުރާ ގުޅުން ހުރިކަމަށް ބުނެ އައްޑޫއިން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލައިފި

ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެ އައްޑޫ ސިޓީން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލައިފި އެވެ. އައްޑޫ ސިޓިގައި ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގީ މިމަހުގެ 15 ވަނަ ދުވަހު...

30 May 2021 | 14:08

ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެ އައްޑޫ ސިޓީން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓިގައި ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އޮޕަރޭޝަންގައި ހަރުކަށި ފިކުރާއި ގުޅުން ހުރި އަށް މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބި މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، އެމީހުން ދޫކުރި ނަމަވެސް، މި މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މި އޮޕަރޭޝަންތައް ފެށީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަން ތަހުގީގަށް އެނގުމުންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާޓުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފެށި އޮޕަރޭޝަންގައި އައްޑޫއިން ބަޔަކު ހައްޔަރުކުރި އިރު މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި މިިމަހުގެ ތެރޭގައި ފަސް މީހަކު ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި އއ. ހިމަންދޫގައި ހަރުކަށި ފިކުރު ހިންގި މައްސަލައިގަ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކޮށްފައިވާ އަބްދުﷲ އަލީ މަނިކު ހިމެނެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް