"މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވާ މައުލޫމާތުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މައްސަލަ ބަލާއިރު "މިހާރު" ނޫހާއި އެނޫހުގައި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ބަލައި، އެމައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ކަންބޮޑުވާ ކަމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ބުނެފި އެވެ.
މަޖިލީހުގެ ކޮމިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ގައި ޖަހާފައިވާ ރިޕޯޓުގައި ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައިވާ ކަމަށާއި ރިޕޯޓަށް ދީފައިވާ މައުލޫމާތު ލިބިފައިވާނީ ސަލާމަތީ ބާރުތަކަށް އެކަނި ކަމަށެވެ. އަދި އެ މައުލޫމާތު އެގޮތަށް އާންމުވުމަކީ، ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމަށް ވެސް ކޮމެޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޓީން ބަލާ މައްސަލައިގައި ތެރޭގައި "މިހާރު" ނޫހާއި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ހިމެނޭތޯ، ސާފުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ކޮމިޓީން މައްސަލަ ބަލާ ބެލުމުގައި، "މިހާރު" ނޫހާއި އެނޫހުގައި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެމައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ މިޖަމިއްޔާއިން ނުހަނު ކަންބޮޑުވެ އެވެ. މީޑިއާއެއް ނުވަތަ ނޫސްވެރިއެއް ނުވަތަ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ މިގޮތަށް ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަކަށް މިޖަމިއްޔާއިން ގަބޫލެއް ނުކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ، ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރުކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް, އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް