އަންހެން ކުއްޖެއް ބުލެކްމެއިލް ކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ޕީޖީއަށް

17 އަހަރުގެ އަންހެން ކުއްޖެއް ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މީހެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުނ...

30 May 2021 | 09:37

17 އަހަރުގެ އަންހެން ކުއްޖެއް ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މީހެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުން ނިމުމަކަށް ގެނައުމުން، 24 އަހަރުގެ ފިރިހެނަކު އޭނާ ކުރިން ގުޅިގެން އުޅުނު އެ ކުއްޖާ ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މައްސަލައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވަނީ އެ އަންހެން ކުއްޖޭގެ އާއިލާގެ ފަރާތެކެވެ.

އާއިލާ އިން އެ ވާހަކަ ހިއްސާ ކުރި މީހާ ޓުވިޓާގައި ބުނި ގޮތުގައި، މެދުކެނޑުމެއް ނެތި އެތައް ގޮތަކުން ބުލެކްމެއިލްކޮށް އިންޒާރު ދިނުމުގެ ސަބަބުން އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުން އެތައް މައްސަލައެއް ވަނީ ދިމާވެފަ އެވެ. އަދި އެކަންތައް ހުއްޓުވުމަށް އެކަން ކުރަމުންދާ މީހާ އާއި އޭނާގެ ރައްޓެހިން މެދުވެރިކޮށްވެސް މަސައްކަތް ކުރި ކަމަށާއި އެވަރުންވެސް އެކަން ނުހުއްޓުމުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް ބުންޏެވެ.

ފުލުހުން މިއަދު ބުނީ، 17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ބުލެކްމެއިލް ކުރާ މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދާފައިވާ ކަމަށެވ.

މައްސަލަ ޕީޖީއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިވާހަކަތައް ޓުވިޓާގައި ހާމަކުރި އަންހެން ކުއްޖާގެ އާއިލާ މީހާ ބުނެފައިވަނީ ވާހަކަތައް ސޯޝަލް މީޑިއާއަށް ދޫކޮށްލަން ޖެހުނީ އިތުރު އެހެން ގޮތެއް ނެތުމުން ފުލުހުންނަށްވެސް އެކަންތައް ނުހުއްޓުވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް