މީރާ ކަލެކްޝަން ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިގަތުން މެދުކަނޑާލައިފި

މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އަތޮޅުތަކުގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިނުގަންނާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. ކޯވިޑް-19 ފެތުރުން އިތުރުވ...

30 May 2021 | 09:36

މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އަތޮޅުތަކުގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުތަކުން ނަގުދު ފައިސާ ބަލައިނުގަންނާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޯވިޑް-19 ފެތުރުން އިތުރުވުމާއިއެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިންވެސް ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ އިދާރާއިން ޚިދުމަތްދޭ ގޮތްތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މީރާގެ އަތޮޅުތަކުގެ އޮފީސްތަކުން ނަގުދު ފައިސާއާއި ޗެކު ބަލައިގަތުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. މި މުއްދަތުގައި މީރާއިން ފައިސާ ބަލައިގަތުން ކުރިއަށްދާނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށެވެ.

އަތޮޅުތެރޭގައި އުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާގެ ކަލެކްޝަން ސެންޓަރުތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން މިހާތަނަށް މީރާއިން އަންނަނީ 17 އަތޮޅެއްގައި 18 އޮފީސް ގާއިމްކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މާލޭގައި ހުރި މީރާގެ ކަލެކްޝަން ސެންޓަރުންވެސް ކޯވިޑް-19އާ ގުޅިގެން ޚިދުމަތްދޭ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް މީރާގެ އޮފީސް ވަނީ ބަންދުކޮށްފައެވެ. މީރާއިން ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ޙިދުމަތް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް