އެލްޖީއޭ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަނީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގ...

30 May 2021 | 09:28

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021ގެ އުސޫލުގެ 13، 14 އަދި 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ބުނީ މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 މަންދޫބަކު އައްޔަން ކުރެވިގެންދާނެ ކަމަށެވެ.

އީސީން ބުނީ މި އިންތިޚާބު މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވޭނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުންނާއި، ނޫސްމަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކަށް ކަމަށެވެ. އަދި މިފަދަ ކޮންމެ ތަނަކުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހަރަކާތްތެރިވެވޭނީ ގިނަވެގެން 2 މީހަކަށް ކަމަށެވެ.

މި އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމުޢިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނަށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ.

އީސީން ބުނީ މި އިންތިޚާބުގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މެއި 30 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00ން ފެށިގެން، 2021 ޖޫން 01 ވާ އަންގާރަ ދުވަހު މެންދުރުފަހު 2:00ގެނިޔަލަށް އީމެއިލް މެދުވެރިކޮށް ކަމަށެވެ. ސިޓީއާއި ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރާނީ އެ ކޮމިޝަންގެ [email protected] މެއިލްއަކަށް ކަމަށް އީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް