މާލެ ފާޑެއްގެ ބަންދެއްގައި، އެކަމަކު ކޮފީތަށި ހިފައިގެން ކަންމަތީ ތިބޭ މީހުން މަދެއް ނުވޭ!

ކޯވިޑް-19 ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް މާސްކް އެޅުމެއް ގައިދުރުކަމެއް ނެތި މާލޭގެ މަގުތަކުގައި "ޓޭކްއަވޭ" އަށް ކޮފީތަށި ނަގައިގެން ބޯން ތިބޭ މީހުން ފެންނަކަން ފާހަގަ ކުރެވިއްޖެއެވެ،...

30 May 2021 | 08:29

ކޯވިޑް-19 ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް މާސްކް އެޅުމެއް ގައިދުރުކަމެއް ނެތި މާލޭގެ މަގުތަކުގައި "ޓޭކްއަވޭ" އަށް ކޮފީތަށި ނަގައިގެން ބޯން ތިބޭ މީހުން ފެންނަކަން ފާހަގަ ކުރެވިއްޖެއެވެ،

"ދުވަސް"ގެ ނޫސްވެރިން މަގުމައްޗަށް ނުކުމެ ބެލިބެލުމުން މިކަން ފާހަގަކުރެވިފައި ވާއިރު، މި ފަދަ މީހުން ހުއްޓުވުމުގެ ފުލުހުން ހަރަކާތްތެރި ވާތަނެއް ނުފެނުނެވެ. މީގެ އިތުރުން ބައެއް ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުން މަނާ ގަޑިތަކުގައި ވެސް އެ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވިއެވެ..

އަންގާރަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ހިންގަމުންދާ ކާފިއުގެ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ކުރިއަށް އޮތް 2 ހަފްތާގައި ހަވީރު 16:00އިން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ކާފިއު ހިންގުމަށް ނިންމާފައިވާއިރު، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބާކީ ހުރި ވަގުތުތަކުގައި ވެސް ބޭރަށް ނުކުންނަ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން، ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ގޮސްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުތައް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

މި ފިޔަވަޅުތަކާއެކު، ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތްދޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ، އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށެވެ.

ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް އެދޭނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޯޓަލް މެދުވެރި ކޮށެވެ. ކޮންމެ ތަނަކަށްވެސް ސަޕޯޓް ސްޓާފްނަށް ހަތަރު ފާސް އަދި ޑެލިވަރީ ސްޓާފުންނަށް ދެ ފާސް ދޫކުރާނެ އެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅުން އިތުރަށް ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި އެކްސެލް ޝީޓުގައި ބަޔާން ކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީވެސް މިގަޑިތަކުގައެވެ. އަދި ހުއްދަ ހޯދުމުގަައި އަމަލު ކުރަން ޖެހޭނީވެސް ކުރީން ބުނެފައިވާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް