މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް އެމެރިކާއިން ހަ ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް

އެމެރިކާގައި މުއްސަނދިންނާއި ފަޤީރުންނާއި ދެމެދުގައިވާ ފަރަޤު ހަނި ކުރުމަށާއި، އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހަަމަހަމަކަން ޤާއިމް ކުރުމަށް ބައިޑެންގެ ސަރުކާރުން 6 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑ...

30 May 2021 | 08:13

އެމެރިކާގައި މުއްސަނދިންނާއި ފަޤީރުންނާއި ދެމެދުގައިވާ ފަރަޤު ހަނި ކުރުމަށާއި، އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހަަމަހަމަކަން ޤާއިމް ކުރުމަށް ބައިޑެންގެ ސަރުކާރުން 6 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ހުކުރު ދުވަހު މި ބަޖެޓު އިއުލާން ކުރުމާއިއެކު، އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރާނީ އެ ޤައުމުގައިވާ އިޖްތިމާއީ އިޤްތިޞާދީ ފަރަޤު ކުޑަ ކުރުމަށެވެ. އެގޮތުން، ހަމައެކަނި އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށް އެހެން ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކާއި ޚިލާފަށް، މުއްސަނދިކަން ހޯދުމާއި މުސާރަ ލިބުމުގައި އެމެރިކާގައި ޒަމާނުއްސުރެ އުފެދިފައިވާ ފަރަޤު ހަނި ކުރުމަށް ބައިޑެންގެ ސަރުކާރުން މަސައްކަތް ކުރާނެއެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ މި ބަޖެޓުގައި، ކުޑަކުދިން ބަލަހައްޓާ ޗައިލްޑް ކެއަރގެ ޚިދުމަތްތަކަށް ފަންޑު ކުރުމުގެ އިތުރުން، ކޮލެޖަށްދާ ރައްޔިތުންގެ ބޭނުންތަކަށްވެސް ހޭދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން، އެމެރިކާގެ އާބާދީގެ މައިނޯރިޓީ ހިއްސާ ކުރާ ވިޔަފާރިތަކަށްވެސް ޚަރަދު ކުރުމަށްވެސް މި ބަޖެޓުން ވަކި ވަރެއް ވަނީ ކަނޑައަޅާފައެވެ.އަދި ފަޤީރު ސަރަހައްދުތަކުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްވެސް މި ބަޖެޓުގެ ތެރެއިން ގްރާންޓްސްތަކެއް ކަނޑައެޅުމަށް ހަމަޖެހިފައި ވެއެވެ.

މި ބަޖެޓާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ، ސަރުކާރަކުން އިންވެސްޓު ކުރަން ނިންމާ ދާއިރާތަކުގެ ސަބަބުން، އެ ޤައުމަކުން އަގު ވަޒަން ކުރާ ކަންކަން ދެނެގަނެވޭނެ ކަމަށެވެ. މީގެ އިތުރުން،މި ބަޖެޓުން އަންގައި ދެނީ، 'ޓްރިކްލް-ޑައުން' އިޤްތިޞާދަކީ މަސައްކަތް ކުރާނެ އެެއްޗެއް ނޫން ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. ޓްރިކަލް ޑައުން އިޤްތިޞާދަކީ، މުއްސަންދިންނާއި މަހުޖަނުންގެ އަތުން ޓެކްސް ނަގާ މިންވަރު މަދު ކުުރުމުގެ ސަބަބުން، ވިޔަފާރިތަކަށް އިންވެސްޓްމެންޓް ލިބުން އިތުރުވެ، ދުރު މުސްތަޤްބަލުގައި މުޖްތަމަޢުއަށް ފައިދާ ކުރާނެ ކަމަށް ބުނާ އިޤްތިޞާދީ ޢިލްމުގެ މަފްހޫމެކެވެ.

ނަމަވެސް ގިނަ އިޤްތިޞާދީ ޢިލުމުވެރިން ޤަބޫލު ކުރާ ގޮތުގައި، ގިނަ ފަހަރަށް މިފަދައިން ކަން ކުރުމުން އިޤްތިޞާދީ ކުރި އެރުން ހާސިލެއް ނުވެއެވެ.

ބައިޑެންގެ ސަރުކާރުގެ އަމާޒަކީ، މެދު ފަންތީގެ އެމެރިކާ ރައްޔިތުންނާއި އެންމެ ފަޤީރު ރައްޔިތުން، މި ބަޖެޓު މެދުވެރިކޮށް ބާރުވެރި ކުރުވާ، އެ ކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އިޤްތިޞާދު ވަރުގަދަވެގެން ދިއުމެެވެ.

މި ބަޖެޓު ފާސް ކުރަން ފޮނުވަން ނިންމާފައި މިވަނީ ކޮވިޑު 10 ގެ ސަބަބުން އެމެރިކާގެ އިޤްތިޞާދު ރިސެޝަންއަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.އެމެރިކާގައި ފިސްކަލް އަަހަރު ފަށާނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގައެވެ.ބައިޑެންގެ ސަރުކާރުގެ ޕްލޭންތަކަށް ފަންޑު ހޯދުމުގެ ގޮތުން، އެ ސަރުކާރުން ވަނީ އެމެރިކާގެ މަހުޖަނުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރަންވެސް ހުށަހަޅާފައެވެ.އެމެރިކާގެ އެންމެ މުއްސަނދި 1 އިންސައްތައިގެ އާބާދީގައި ހިމެނޭ ގޭބިސީތަކުގެ މުއްސަނދިކަން 4 ޓްރިލިއަން ޑޮލަރަށް މި ދިޔަ އަހަރުވެސް ވަނީ އިތުރު ވެގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް