ޖޫން 1 ވަނަ ދުވަހުން ފެށިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖެ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ވަޒީފާތަކަށް ދެން ހުށަހެޅޭނީ އޮންލައިންކޮށް އެކަނި ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން އެދިފައިވަނީ، ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ލިންކްގައިވާ ފޯމް ފުރުމަށްފަހު، އޮންލައިންކޮށް ވަޒީފާއަށް އެދި ހުށަހެޅުމަށެވެ.
ވަޒީފާއަށް އެދި އޮންލައިންކޮށް ހުށަހެޅޭނެގޮތް ހަމަޖައްސާފައި މިބަނީ، އެމްޑަބްލިޔުއެސްސީގެ އޮންލައިން ޚިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ތިމާވެއްޓާއި ރައްޓެހި އަދި ރައްޔިތުންނާނ ވީހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި ވަޒީފާއަށް އެދި ހުށަހެޅުމުގެ މަގު ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފަދައިން އޮންލައިންކޮށް ވަޒީފާއަށް އެދި ހުށަހެޅޭނެގޮތް ހަމަޖެއްސުމުގެ ސަބަބުން، ވަޒީފާއަށް އެދި ހުށަހެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދަށްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ކޮވިޑް19 ގެ މި ޙާލަތުގައި، ޚިދުމަތްތައް ބޭނުންކުރުމުގައި، އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުމަށް އެމްޑަބްލިޔިއެސްސީއިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް