ކުޅުދުއްފުށީގައި މޫނުނިވާކޮށްގެން ތިބި ބަޔަކު އަނިޔާކުރި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އަނިޔާ ކުރި ޒުވާނެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ފުލުހުން ބުނީ މައްސަލައިގެ ރިޕޯޓުކޮށްފައިވަނީ ...

30 May 2021 | 05:48

ހދ. ކުޅުދުއްފުށީ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އަނިޔާ ކުރި ޒުވާނެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ފުލުހުން ބުނީ މައްސަލައިގެ ރިޕޯޓުކޮށްފައިވަނީ ރޭ 8:48 ހާއިރު ކަމަށެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން ބުނީ އެމީހާއަށް އަނިޔާ ކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެމީހާ ކާރަކަށް އަރުވައިގެން ގެންގޮސް ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެމީހާއަށް މިހާރު ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި އެވެ. އެގޮތުން އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައި އެވެ.

އެމީހާ އެ ހޮސްޕިޓަލަށް ފަރުވާ ދޭން ގެންދިޔައީ ރޭ 9:50 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު މެންދުރު 1:30 ގައި ހަނިމާދޫ މަގުން މާލޭ ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

މި މައްސަލަ އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް