ކާން ނުދެވި ހަކަތަ ދަށްވެގެން ކޯވިޑް ބަލި މީހުން މަރުވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކާން ނުދިނުމުގެ ސަބަބުން ހަކަތަ ނެތިގެން ކޯވިޑް-19 ޖެހިފައިވާ މީހުން މަރުވާ ކަމަކަށް ބުނާ ވާހަކަ ބޭއްވި ހެލްތް އެމަޖެމްސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދޮގުކޮށްފިއެވެ...

30 May 2021 | 05:17

ކާން ނުދިނުމުގެ ސަބަބުން ހަކަތަ ނެތިގެން ކޯވިޑް-19 ޖެހިފައިވާ މީހުން މަރުވާ ކަމަކަށް ބުނާ ވާހަކަ ބޭއްވި ހެލްތް އެމަޖެމްސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދޮގުކޮށްފިއެވެ.

ކޯވިޑް-19 ޖެހިގެން މަރުވާ ބައެއް މީހުންގެ އާއިލާތަކުން ކުރާ ކާން ނުދީ މަރުވި ކަމުގެ ތުހުމަތުތަކާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން ޖަވާގައި ހުޅުމާލޭ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވަނީ ކާން ނުދޭ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފަ އެވެ. އަދި ޕޭޝަންޓުންނަށް ބަރާބަރަށް ކާންދޭ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާދެމުން ދާއިރު، ކާން ދިނުމުގައި ކުޑަ ލަސްތަކެއް ހުރެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ހާލު ދެރަ ޕޭޝަންޓުން އަބަދު ވެސް ތިބެނީ އައިވީ ފްލުއިޑްގައި ކަމުން ހަކަތަ ނެތިގެން މަރުވެދާނެ ކަމަށް ދަންނަވަން ނުކެރޭނެ ކަމަށެވެ.

ކޯވިޑް ޖެހިގެން 24،000އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނައިރު، މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެނީ 252 މީހުންނަށެވެ. އަދި އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހުން އެޑްމިޓްކޮށްފައިވާއިރު، އެތަނުގެ އައިސީޔޫގައި 9 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 4 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މީހުންނަށް ފަރުވާދެމުންގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދޭ 9 މީހުންގެ ތެރެއިން 6 މީހުންނަށް ފަރުވާދެނީވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

އެޗްއީއޯސީން ވަނީ މިހާތަނަށް އެޑްމިޓްކުރި މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ ވެކްސިން ނުޖަހާ މީހުންކަން ހާމަކޮށްފައެވެ. އެގޮތުން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުންނަށް ފަރުވާދެމުންގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިހާތަނަށް އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ ތެރެއިން 1472 މީހުންނަކީ ވެކްސިން ޖަހާފައިނުވާ މީހުންކަމަށާއި، ވެކްސިން ޖަހާފައިވަނީ 424 މީހުންކަމަށް އެޗްއީއޯސީން މައުލޫމާތުދެއްވިއެވެ. ވެކްސިން ނުޖަހާކަމަށް ބަލަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ.

ކޯވިޑް-19ޖެހޭ މީހުންގެ ތެރޭގައި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން ގިނަކަން ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ. އަދި މިހާތަނަށް ބަލި ޖެހިގެން ފަރުވާދިން މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށްދިއުމާއި ހަކުރު ބަލީގެ މީހުންކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް