ކޮވިޑުގެ އެންމެ ނުރައްކާތެރި ދެ ވޭރިއެންޓު އެކުވެގެން އުފެދިފައިވާ އާ ވޭރިއެންޓެއް ވިއެޓްނާމުން ފެނިއްޖެ

ވިއެޓްނާމުން ކޮވިޑު-19 ގެ އާ ވޭރިއެންޓެއް ހޯދިފައިވާކަން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފިއެވެ. މި ވޭރިއެެންޓަކީ، އިންޑިއާއިން ފެނުނު ވޭރިއެންޓާއި، އިނގިރިސޭވިލާތުން ފެނުނު ވޭރިއެންޓާއި އެ...

30 May 2021 | 04:46

ވިއެޓްނާމުން ކޮވިޑު-19 ގެ އާ ވޭރިއެންޓެއް ހޯދިފައިވާކަން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފިއެވެ.

މި ވޭރިއެެންޓަކީ، އިންޑިއާއިން ފެނުނު ވޭރިއެންޓާއި، އިނގިރިސޭވިލާތުން ފެނުނު ވޭރިއެންޓާއި އެކުވެގެން އުފެދިފައިވާ ހައިބްރިޑް ސްޓްރެއިނެއް ކަމުން، އެހެނިހެން ވޭރިއެންޓުތަކަށް ވުރެ ހަލުވި ކަމާއިއެކު މި ވޭރިއެންޓު ފެތުރިގެންދާނެ ކަމަށްވެސް އެ އިދާރާތަކުން ބުނެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ވިއެޓްނާމްގެ ހެލްތު މިނިސްޓަރު ގޫޔެން ތާން ލޯންގ ވިދާޅުވީ، މި އައު ވޭރިއެންޓު ދެނެގަނެވިފައި ވަނީ ދާދި ފަހުން ކޮވިޑު 19 އަށް ޕޮސިޓިވްވި ބަލި މީހުންގެ ތެރެއިން ވައިރަސް އުފެދިފައިވާ ގޮތް ދެނެގަތުމަށް ކުރިއަށް ގެންދިޔަ ތަޙްލީލުތަކަކާއި އެކުގައި ކަމަށެވެ.ލޯންގ އިތުރަށް ހާމަ ކުރެއްވި ގޮތުގައި، އިންޑިއާގެ ވޭރިއެންޓުގެ މިއުޓޭޝަންތަކަކާއިއެކު ފެނިފައިވާ މި އައު ވޭރިއެންޓަކީ އިނގިރޭސިވިލާތުގެ އަސްލު ވޭރިއެންޓު ކަމަށާއި، މި އައު ވޭރިއެންޓުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށެވެ.މިނިސްޓަރު ލޯންގ ވިދާޅުވީ، މި ވޭރިއެންޓުގެ ޖެނޯމްއާއި ގުޅޭ މައުލޫމާތު ވިއެޓުނާމުން ވަރަށް އަވަަހަށް ޝާޢިއު ކުރާނެ ކަމަށެވެ.

ލެބުގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، މި އައު ވޭރިއެންޓު އެހެން ހުރިހާ ވޭރިއެންޓަކަށް ވުރެ ފެތުރޭލެއް އަވަހެެވެ. އަދި އެހާމެ ފަސޭހަކަމާއި އެކު މި ވޭރިއެންޓު ފެތުރިގަންނަކަން ވެސް ވަނީ މި ތަހުލީލުތަކުން ދެނެގަނެވިފައެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާގެ ލެބް ޓެކްނިޝަނެއް ކަމަށްވާ މާރިއާ ވޭން ކަރްކޯވް ވިއެޓްނާމުން ފެނުނު އައު ވޭރިއެންޓާއި ގުޅިގެން ވިދާޅުވީ، އެ ޖަމިއްޔާއިން މި ވޭރިއެންޓުގެ ތަހުލީލުތައް ހަދަން އަދި ނުފަށާ ކަމަށާއި، އެ ޖަމިއްޔާއިން މިހާރު އަންނަނީ ވިއެޓްނާމުގެ ސިއްޙީ ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.މީގެ އިތުރުން މާރިއާ ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އައު ވޭރިއެންޓަކީ އިންޑިއާއިން ފެނުނު ވޭރިއެންޓުގެ މިއުޓޭޝަންއެއް ކަމަށާއި، މި ވޭރިއެންޓާއި ގުޅިގެން އައު މައުލޫމާތު ލިބެމުންދާ ވަރަަކަށް އެ ޖަމިއްޔާއިން ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް ކާމިޔާބު ކަމާއިއެކު ކޮންޓްރޯލް ކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން، ވިއެޓްނާމުގައި މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން މިހާރު އަނެއްކާވެސް އަންނަނީ ކޮވިޑު19 ގެ ވޭދަނަތައް އިތުރު ވަމުންނެވެ.ވިއެޓްނާމުގައި މިހާތަނަށް ޖުމުލަ 6856 ކޮވިޑު ވޭދަނަ ރިކޯޑު ކޮށްފައި ވާއިރު،އެ ޤައުމުން މި ބަލީގައި މަރުވެފައި ވަނީ 47 މީހުންނެވެ.98 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުގައި، މިހާތަނަށް ކޮވިޑު 19ގެ ވެކްސިންގެ ލިބިފައި ވަނީ ވެކްސިންގެ 2.9 މިލިއަން ޑޯޒެވެ. މިއަހަރު ނިމުމާއި ހަމައަށް 150 މިލިއަން ޑޯޒްގެ ވެކްސިން ހޯދުމަށް ވިއެޓްނާމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.މީގެ އިތުރުން، މި އަހަރުގެ ނިޔަލަށް އެ ޤައުމުގައި ކޮވިޑާއި ދެކޮޅަށް ހާރޑު އިމިއުނިޓީ ޤާއިމް ކުރެވޭނެ ކަމަށްވެސް ވިއެޓްނާމްގެ ސިއްޙީ ވުޒާރާއިން ލަފާ ކުރެއެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާއިން ވަނީ ކޮވިޑު 10 ގެ 4 ވޭރިއެންޓެއް ދުނިޔެއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާއާއި އިނގިރިސޭވިލާތުން ފެނުނު ވޭރިއެންޓުތަކުގެ އިތުރުން، ދެކުނު އެފްރިކާއާއި ބްރެޒިލުން  ފެނިފައިވާ ވޭރިއެންޓުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް