މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކަވަރު ކުރާ މީޑިއާގެ ވަސީލަތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ ކަމަށެވެ. އެ އަމުރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ނުބޭއްވުމަށާއި ޕްރައިމަރީ ހުއްޓުވުމަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް މާލެ އާއި އަތޮޅު ތެރޭގައި ފުލުހުން ކުރަމުންދާ ކަމަށާއި އެ މަސައްކަތުގައި ފުލުހުން އުޅޭ އިރު ދިވެހިރާއްޖޭގެ އަމަން އަމާންކަމާއި މަސްލަހަތު ގެއްލޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރުތައް ފަތުރަމުންދާ ކަމަށެވެ. އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވީ ނަމަވެސް އެކަން ތަކުރާރުކުރާ މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ އަމުރުގައި މަނާކޮށްފައިވާ ކޮންޓެންޓުތަކެއް ބައެއް ޓީވީތަކާއި ތަފާތު މީޑިއާތަކުން ކަވަރު ކުރަމުންދާ ކަމަށާއި އެކަން ނުކުރުމަށް ޓީވީތަކަށް އަންގާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އަތޮޅު ތެރެއާއި މާލޭގައިވެސް ކުރިއަށްދާ ވޯޓުލުން ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ހުއްޓުވާނެ ކަމަށާއި ގާނޫނު ތަންފީޒުކުރަން ފުލުހުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ވެސް އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީޑިއާތަކުން ގައިދީން ޕްރޮމޯޓްވާ ކޮންޓެންޓް ނުދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހޯމް މިނިސްޓްރީންވެސް ވަނީ އަންގާފައެވެ.
މިގޮތަށް ޝިފާން ވިދާޅުވި އިރު މިއަދު މެންދުރު ފުލުހުން ވަނީ ރާއްޖެ ޓީވީ އަށް ގޮސް ނަޝީދުގެ ކޮންޓެންޓު ނުދެއްކުމަށް އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް