މިއަދު ކުރިޔަށްދިޔަ އިދިކޮޅު އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމަށް ބަހައްޓާފައިވާ ވޯޓު ފޮށިތަށް ފުލުހުން ނަގައި، ވޯޓުލުން ހުއްޓުވައިފި އެވެ.
އެގޮތަށް ފުލުހުން އަމަލު ކުރީ ޕްރައިމަރީ އަކީ ގާނޫނާއި ހިލާފަށް ކުރިޔަށް ގެންދާ ޕްރައިމަރީއެއް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މި ޕްރައިމަރީ ހުއްޓުވައި ދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން އަމުރު ނެރުމުން ނެވެ.
މިހާތަނަށް ފުލުހުން ވަނީ މޭލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތައް ނަގާފަ އެވެ. އަދި އެކި ރަށްރަށުގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތައް ނެގުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރު ނެރުއްވީ ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އެވެ.
އެ އަމުރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީ އަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށް އަންގާ އަމުރު ކުރާ ކަމަށެވެ.
އިލެކްޝަންސުން ބުނެފައިވާ ގޮތުގައި ނަޝީދަަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންކަމުން އެމަނިކުފާނު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް