އިސްލާމީ ތާރީޙުގެ ތެރެއިން ރޯދަމަހުގެ ހަތަރު ވަނަ ދުވަސް

ތިރީގައި މި ހިމާނާލަނީ އިސްލާމީ ތާރީޙުގެ ތެރެއިން ރޯދަމަހުގެ ހަތަރު ވަނަ ދުވަހު ހިނގާފައިވާ ބައެއް ކަންކަމެވެ. ހަމްޒާގެފާނު ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ބައިވެރިވުން އިސްލާމީ ތާރީޚުގެ ތެރެއިން ...

30 May 2017 | 11:01

ތިރީގައި މި ހިމާނާލަނީ އިސްލާމީ ތާރީޙުގެ ތެރެއިން ރޯދަމަހުގެ ހަތަރު ވަނަ ދުވަހު ހިނގާފައިވާ ބައެއް ކަންކަމެވެ.

ހަމްޒާގެފާނު ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ބައިވެރިވުން

އިސްލާމީ ތާރީޚުގެ ތެރެއިން ރޯދަމަހުގެ ހަތަރު ވަނަ ދުވަހަކީ ކީރިތި ރަސޫލާ މުޙައްމަދު (ސ.އ.ވ) ގެ ބޮޑުބޭބެ ހަމްޒާ އިބްނު އަބްދުލް މުއްތަލިބް ފުރަތަމަ ފަހަރަށް ހަނގުރާމައެއްގައި ބައިވެރިވި ދުވަހެވެ.

ރަސޫލާގެ އަމުރުފުޅަށް ކުރެއްވި އެ ހަނގުރާމައަކީ ގުރައިޝުންގެ ދަތުރުވެރިންތަކާއި ދެކޮޅަށް ކުރި ހަނގުރާމައެކެވެ. އޭރު އެމީހުންގެ ތެރޭގައި އިސްމީހަކަށް ހުރީ އަބޫ ޖަހުލެވެ. އަދި އެ ދަތުވެރިންގެ ގާޑުންގޮތުގައި 300 މީހުން ތިއްބެވެ.

ރޯދަމަހުގެ ހަތަރު ވަނަ ދުވަހު ކުރި އެ ހަނގުރާމާގައި ހަމްޒާގެފާނުގެ ލަޝްކަރާއި އެ ގާޑުންތަކާއި ދެމެދު ހިނގި ކުރިމަތިލުންތައް ވަކި ހިސާބަކުން މެދުކެނޑުނީ ޖުހާނީ މީހެއް މެދުވެރިވެ ދެ ފަރާތުން ވާހަކަދައްކައިގެން ކަންކަން އިސްލާހުކުރުމަށް އެއްބަސްވުމުންނެވެ.

އަންތާކިޔާ ކާފަރުންގެ އަތްދަށުން މިނިވަންކުރުން

ހިޖުރައިން 666 ވަނަ އަހަރުގެ ރަމަޟާން މަހުގެ 4 ވަނަ ދުވަހަކީ 170 އަހަރުވަންދެން ކާފަރުންގެ އަތްދަށުގައި އޮތް މުސްލިމުންގެ ބިމެއް ކަމަށްވާ ތުރުކީގެ އަންތާކިޔާ މިނިވަންވި ދުވަހެވެ. ބައިބާސް ކިޔާ މިޞްރުގެ ސުންނީ މުސްލިމު ވެރިޔަކު އެ ބިން މިނިވަންކުރީ ކާފަރުންގެ ނުރައްކާ އަންތާކިޔާގައި އިންތިހާއަށް ބޮޑުވެގެން ދިއުމާއި ގުޅިގެންނެވެ.

މުސްތަފާ ކާމިލް އުފަންވުން

މީލާދީން 1874 ވަނަ އަހަރުގެ ރޯދަމަހުގެ ހަތަރު ވަނަ ދުވަހަކީ މިޞްރުގެ ގަދަފަދަ ލީޑަރު މުސްތަފާ ކާމިލް އުފަންވި ދުވަހެވެ.

ކާމިލްއަކީ ފްރާންސް ބަހުން މާސްޓާރޒް ހެއްދެވި ބޭފުޅެކެވެ. އަދި ކާމިލްވަނީ ފްރާންސްގެ ޓޮލުސް ޔުނިވާރިސިޓީން ޝާރިޢަތް ކިޔާވާވިދާޅުވެފަ އެވެ.

ފްރާންސްގައި ކިޔަވާވިދާޅުވުމަށްފަހު އެނބުރި މިޞްރަށްގޮސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. އަދި މިޞްރުގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީގެ ފައުންޑާއަކީވެސް ކާމިލް އެވެ. އެ ޕާޓީގެ މަޤްޞަދަކަށްވީ އެ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމާއި މިޞްރުގައި ޤާނޫނު އަސާސީއެއް އެކުލަވާލުމެވެ.

ކާމިލް އަވަޙާރަވީ 1908 ވަނަ އަހަރުގެ ފެބްރުއަރީ 10 ގައި އެވެ. އޭރު އުމުރުފުޅަކީ 34 އަހަރެވެ.

މިޞްރުގެ ކޮމާންޑަރު އަޙްމަދު އޮރާބީ ރަހީނުކުރުން

މިޞްރުގެ ކޮމާންޑަރު އަޙްމަދު އޮރާބީ ރަހީނުކުރެވުނީވެސް ރޯދަމަހެއްގެ ހަތަރު ވަނަ ދުވަހު އެވެ. އޭނާ ރަހީނުކުރީ މިޞްރުން އިނގެރޭސިންނާއި ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް އޭރު މިޞްރުގެ ވެރިޔަކަށްހުރި ޚާދިވް އަމުރު ކުރުމުން، އޮރަބީ އެކަމާއި ދެކޮޅުހަދާއި، މިޞްރުގެ ރައްޔިތުންނަށް ޚާދިވް ޤައުމަށް ގައްދާރުވިކަމަށް އެންގުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް