ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ޝަރުތުތަކަކާއި އެކު ހައި ކޯޓުން ދޫކޮށްލައިފި އެވެ.
ހަނީފު ކޯޓުން ދޫކޮށްލީ ކޮން ޝަރުތަކަކާއި އެކު ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ ޝަރުތުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ހަނީފު އެއްބަސްވެފައިވާ ކަމަށެވެ.
ހައިކޯޓުން ހަނީފު ދޫކޮށްލަން ކުރި އަމުރުގައި ބުނެފައިވަނީ އެންމެ ފަހުން ބަންދުގެ މުއްދަތު ޖެހި އިރު ދައުވާ ކުރުމަށް ފޮނުވުމުގެ މަރުހަލާ ނިންމުމަށް ކްރިމިނަލް ކޯޓުން އަންގާފައި ވީނަމަވެސް އެ މުއްދަތު ހަމަވީ އިރުވެސް ދައުވާ ކުރަން ފޮނުވާފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ދެ ފަހަރެއްގެ މަތިން ފުލުހުން މަޝްވަރާ ކޮށްފައި ވިޔަސް، ހަނީފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކުރި ހަނީފް ވަނީ މި މަހުގެ 16 ވަނަ ދުވަހު ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ފަސް ފަހަރެއްގެ މަތިން އިތުރުކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް