ސަރ ޖަލާލުއްދީން (ލައުޑަރ ބްރަންޓަން) އަކީ އޮކްސްފޯޑް ޔުނިވަރސިޓީން ތައުުލީމް ހާސިލްކުރަައްވައިގެން ހުންނެވި ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ބިންވެރި އާއިލާއެއްގެ މެމްބަރެކެވެ. އިނގިރޭސީންގެ ސޮސައިޓީގައި އިއްޒަތާއި ރީތިނަން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ތިރީގައި މިވަނީ އޭނާ އަމިއްލަފުޅަށް ލިޔުއްވި އޭނާ އިސްލާމްވެވަޑައިގަތްގޮތުގެ ވާހަކައެވެ.
އޭނާ އިސްލާމެވެވަޑައިގެންނެވި ވާހަކަ ބަޔާންކުރައްވަމުން ލިޔުއްވާފައިވެއެވެ.
އަޅުގަނޑު މާތް ﷲ އަށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ. މިއަދު އަޅުގަނޑުގެ ހިތް ފަރިކޮށް ފޮޅުވަމުން، ފުރި އުތުރި އަރަމުންދާ އުފާވެރިކަމުގެ ޝުއޫރުތައް ބަޔާންކުރުމުގެ އެކަށޭނެކަމެއް އަޅުގަނޑުގެ ކިބަަޔަކު ނެތެވެ.
އަޅުގަނޑުގެ މައިންބަފައިންނަކީ ކްރިސްޓިއަނުންނެވެ. އެބޭފުުން ގަސްދުކުރައްވައިގެން ތިއްބެވީ އަޅުގަަނޑު ފާރިދީއަކަށް ހެއްދެވުމަށެވެ. އެހެންކަމުން އަޅުގަަނޑު ޤަވާއިދުން ކްރިސްޓިއަންދީން ކިޔެވީމެވެ. ކިޔަވާ ނިމުމަށްފަހު ޗާރޗް އޮފް އިންގްލޭންޑާ ގުޅިއްޖައީމެވެ. ނަމަވެސް، ތެދުތެދަށް ދަންނަވާ ނަަމަ، ދުވަހަކުވެސް އަޅުގަނޑު އެ މަސައްކަތަށް މާ ބޮޑު ޝައުޤުވެރިކަމެއް ނުބަހައްޓަމެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ހިތުގައި އެ ދީނުގެ އަޤީދާއަކާމެދު ސުވާލުތަކާއި ޝައްކުތައް އުފެދެން ފަށައިފިއެވެ. އެ އަޤީދާއަކީ އިންސާނުންނަކީ އެބައިމީހުންގެ އުފެއްދުމުގައިވެސް ފާފަވެރީންގެ ގޮޮތުގައި އުފެދޭ ބައެއް ކަމުގެ އަޤީދާއެވެ. ދާދި މަަދު ބަޔަކު ފިޔަވައި އެހެން ހުރިހާ މަޚްލޫޤުން ދާއިމީ އަޒާބެއްގައި ހައްޔަަރުވާނެކަން ޤަބޫލުކުރަން ޖެހުމެވެ.
އެ ނަޒަަރިއްޔާތަކާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ފޫހިކަމާއި ނަފްރަތުގެ ސަބަބުން، އަޅުގަނޑަށް ދީން ޤަބޫލުނުކުރެވުމާ ދާދި ގާތަށް ދެވުނެވެ. ދީނުގެ މުުޅި އަޞްލާމެދު އަަޅުގަަނޑުގެ ހިތުގައި ޝައްކު އުފެދުނެވެ.
އަޅުގަަނޑު ވަރަށް ގިނައިން ވިސްނާ ޚިޔާލު ކުރަމެވެ. "އިންސާނާ" އަކީ ކަަލާނގެ އުފެއްދެވި އެންމެ ފުރިހަމަ އުފެއްދުމެވެ. އެހެން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް އިންސާނާއަށް ވަނީ މާާތްކަން ލިބިފަައެވެ. އެހެންވީއިރު، އެފަަދަ މަޚްލޫޤަކު އަޒަލީ ފާފަވެރިޔެއް ކަމުގައި ކަނޑައަޅާ، އަބަަދަށްޓަކާ ޢަޒާބު ހައްޤު ކަމަށް ނިންމުމަަކީ ބުއްދިވެރިގޮތަަކަށް ވާނީ ކިހިނަކުން ބާވައެވެ؟ އަނެއްކޮޅުން މި އަޤީދާ ބިނާކުރެވިފައިވަނީ ކާއިނާތު ޚާލިޤަށް އެކަމުގެ ތުހުމަތު ރައްދުވާ ގޮތަކަށެވެ. އެހެންކަމުން އެކަލާނގެ ޒާތުފުޅު، އެ ސިފަކުރެވެނީ މާ ރަނގަޅު ގޮތަަކަށް ނޫނެވެ.
އޭރުވެސް ބަލިކަށިގޮތެއްގައި ނަމަވެސް އަޅުގަނޑު ކަލާނގެ ރަސްކަންފުޅު ޤަބޫލުކުރަމެވެ. ނަމަވެސް ކްރިސްޓިއަންދީނުގެ ބިންގަލުގެ މަތީގައި ކަލާނގެ އެންގެވުންތައް އަޅުގަނޑަށް ވިސްނައެއް ނުގަނެވުނެވެ. އެހެންކަމުން ހަޤީޤަތާ ހަމަޔަށް ވާސިލްވުމަށްޓަކައި، އެހެން ދީންތައް މުޠާލިއާ ކުރަން ފަށައިފީމެވެ.
މިގޮތުން ދީންތައް މުޠާލިއާ ކުރި ކުރުމުގައި އިސްލާމްދީން މުޠާލިއާކުރަން ހަމަ ފެށުމާ އެކުވެސް އެއީ އިންސާނީ ފިތުރަތާ ވަރަށް ގުޅޭ ދީނެއްކަން އަޅުގަނޑަށް އެނގިއްޖެއެވެ. އަޅުގަނޑުގެ ހިތުގައިވާ ޝައްކުތަކާއި ވަހުމްތަކުގެ ގޮށްތައް މޮހޮވެމުންދާން ފަށައިފިއެވެ. އަޅުގަނޑުގެ ހިތުގައި ހަޤީޤީ ކަލަކަށް އަޅުކަންކުރުމާއި، އެކަލާނގެ މަގުގައި ޚިދުމަތް ކުރުމުގެ ޝައުޤުވެރިކަން އުފެދޭން ފަށައިފިއެވެ.
އަޅުގަނޑަށް ފެނިފައިވާ ގޮތުގައި ކްރިސްޓިއަން ދީނުގެ ހުރިހާ އަޤީދާތަކެއް ބިންގަލެއްކަމުގައި ބަޔާންކުރެވެމުންދަނީ ބައިބަލްގައިވާ އިރުޝާދުތަަކެވެ. ނަމަވެސް އޭގައި ވަރަށް ބޮޑެތި ތަފާތުތަަކެއް އެބަހުއްޓެވެ. އެހެންކަމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ ސަލާމްލެއްވި ޢީސާގެފާނު ދެއްވި ތައުލީމަށާއި އިންޖީލަށް (ބަައިބަލަށް) ބަދަލުތަކެއް އައިސްފައިވަނީބާވައޭ، މި ސުވާލެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އަޅުގަނޑު ވަރަށް ފުންކޮށް ފާޑުކިޔުމުގެ ބެލުމަަކުން ބައިބަލް އަލުން ބަލަން ފަަށައިފީމެވެ. އަަޅުގަނޑު ހޯދި ހޯދުމުން އެނގުނީ ބަދަލުގެނައުމާއި އުނިއިތުުރު ކުރުމުން އެފޮތް ސަލާމަތްވެފައި ނެތްކަމެވެ. ވަރަށް ގިނަ މީހުން އަމިއްލަ އަމިއްލަޔަށް އުފައްދާާފައިވާ އަޤީދާތަކަށް އެފޮތުން ވަނީ ޖާގަލިބިފައިކަމެވެ.
އިސްލާމްދީން މުޠާލިއާ ކުރުމުން އަޅުގަނޑަށް އެނގުނީ އިންސާނާގެ ހަށިގަނޑުގައި "ފުރާނަ" އެވެ ކިޔޭ ފަނާވުމެއްނެތް ބާރެއް ހުންނަކަމެވެ. އެއީ ދުވަހަކުވެސް މަރުނުވާ އެއްޗެއް ކަމެވެ. ފާފައިގެ ސަޒާ ދުނިޔޭގައިވެސް އާޚިރަތުގައިވެސް ލިބޭކަމެވެ. ނަަމަވެސް އިންސާނަކު ތެދުުހިތުން ތަބާވެއްޖެނަމަ މާތް ﷲ އެކަލާނގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމާއެކު، ފާފަ ފުއްްސެވުމަަށް އަބަަދުވެސް ވޮޑިގެންވާކަމެވެ.
އެހިސާބުން ފެށިގެން އަޅުގަނޑުގެ ހުރިހާ ވަގުތެއް އިސްލާމްދީން މުޠާލިއާ ކުރުމަށްޓަކައި ވަޤްފު ކޮށްފީމެވެ. ހައްޤު ހޯދުމަށް ކުރި މަަސައްކަތުން އަޅުގަނޑު މާޔޫސެއް ނުވިއެވެ. އެކަމަށް ހޭދަކުރި ވަގުުތުތައް ބޭކާރެއްވެސް ނުމެވިއެވެ.
އިސްލާމްދީން މުޠާލިއާކުރަން ފެށުމުން، އެދީނަށް އަޅުގަނޑުގެ ހިތް ލެނބެމުންދާކަން ވަރަށް ބޮޑަށް އިހުސާސްވާން ފެށިއެވެ. އެ ދަމާބާރު ސަބްކޮންޓިނެންޓްގެ ރަށެއްކަަމުގައިވާ ލާހޫރަށް އަޅުގަނޑު ގެންގޮސްފިއެވެ. އެރަށުގެ ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ "އަޗްރާ" ގައި އަޅުގަނޑު އުޅެން ފަށައިފީމެވެ. އެ އަވަށުގެ އާބާދީގެ ގިިނަމީހުންނަކީ މުސްލިމުންނެވެ. އަޅުގަނޑުގެ ދުވާލާއި ރޭގަނޑު ހޭދަވަމުން ދިޔައީ ހީވާގި، ހިތްތިރި، ސާދާ ބަައެއްގެ ތެރޭގައެވެ. އަަތްމަތިދަތިކަމާއި ފަޤީރުކަމާއެކުގަވެސް އެބައިމީހުންނަކީ ފުދުންތެރި، ކެތްތެި ބައެކެވެ. އިސްލާމްދީނުގެ އަމަލީ ފިލާވަޅުު އަޅުގަނޑު ހޯދީ އެބައިމީހުންގެ ތެރެއިންނެވެ. ދީންވެރިކަމާއި އަޚުވަންތަކަމުގެ އަސަރު އެތާނގެ މުޅި ވެށީގައި ވަނީ އެކުލެވިފައެވެ. ޚުދު އަޅުގަނޑުވެސް އެބައިމީހުންނާއެކު ދާ އޮހޮރުވައިގެން މަސަައްކަތް ކުރީމެވެ. އެކަށީގެންވާ މުއްދަތެއްގައި އެބައިމީހުންނާއެކު އުޅެ، އެބައިމީހުންގެ އާދަކާދަތަކާއި އަޤީދާތައް ހޯދާ، ވިސްނާ ބެލީމެވެ.
އިސްލާމްދީނުގެ ނަަބިއްޔާ، ކީރިތި ރަސޫލާގެ ހަަޔާތްޕުޅާ ބެހޭގޮތުން އެހާތަނަށް އަޅުގަނޑަށް އެއްވެެސް މައުލޫމާތެއް ލިބިފައެއް ނެތެެވެ. އަޅުގަނޑު ދަންނަވަނީ އަރަބީންގެ ނަބިއްޔާއަށް ކްރިސްޓިއަަނުން ވަރަށް ބޮޑަށް ފާޑުކިޔާކަމެވެ. ކޮންމެއަކަސް އަޅުގަނޑު އެ މައުޟޫއުއަށް ހާއްސަ ސަމާލުކަަމެއް ދިނީމެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅާމެދު މުޠާލިއާކުރަން ފަށައިފީމެވެ. ދާދި އަވަހަަށް އަޅުގަނޑަށް އިހުސާސްވީ އެކަލޭގެފާނަކީ ތެދުވެރިކަމާއި ހައްޤުގެ އަލިގަދަ ދަންމަަރެއްކަމެވެ. އެކަލޭގެފާނަށް މާތް ﷲ ގެ ހަޟްރަަތަށް ވާސިލްވެވަޑައިގެންނެވިފައިވާކަމެވެ. އެ ފުރިހަމަ އިންސާނެގެ ފަރާތްޕުޅުން އިންސާނިއްޔަތަށް ލިބިފައިވާ އިޙްސާންތެރިކަމަށް ބަލާލާއިރު، އެކަލޭގެފާނާ މެދު ރުޅުވެރިކަމާއި އަދާވާތްތެރިކަން ފާޅުކުރުމަކީ ކަނޑައެޅިގެންހުރި ބޮޑު އަނިޔާއެއްކަމެވެ.
އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވިއިރު، އެ ޤައުމުގެ މީހުންނަކީ ވަޙްޝީ ބައެކެވެ. ބުދަށް އަަޅުކަންކުރާ ބައެކެވެ. ކުށާއި ފާފައާއި ލަދުކުޑަކަމުގެ ތެރެއަށް ކަަރުތާފެނާ ހަމަޔަށް ގެނބިފައިތިބި ބައެކެވެ. އެކަލޭގެފާނު އެބައިމީހުންނަށް ނަފްސުގެ އިއްޒަަތަކީ ކޮބައިކަން، އިންސާނިއްޔަތަށް އިހުތިރާމް ކުރުމަކީ ކޮންކަމެއްކަން، ރީތި އަހުލާޤޭ ކިޔަނީ ކޮން ކަންތައްތަކަކަށްކަން ދަސްކޮށްދެއްވިއެވެ. ހުރިހާ ރީތި މާތް ސިިފަތަކެއް ފުރިހަމަ ކުރެއްވުުމާއެކު، އެބައިމީހުން އެއްކައުވަންތަ މާތް ﷲ ގެ ހަޟްރަތުން ކުއްތަން ކުރެއްވިއެވެ. މަތިވެރި އިންސާނީ އަގުތަކެއް އަށަގެންނެވިއެވެ. ރާބުއިން އެކަން ނަައްތާލެއްވިއެވެ. މިގޮތުން އިސްލާމީ މުޖުތަމަޢުގެ ޠާހިރުކަމާއި މަތިވެރިކަން ތާރީހެގެ އެއްވެސް ދައުރަކުން އޭގެ ދެވަނަ މިސާލެއް ނުފެންނަ ދަރަޖައަށް ގެންދެވިއެވެ.
އަޅުގަނޑަށް ވިސްނުނުގޮތުގައި އިސްވެދެންނެވި މަތިވެރި މަސައްކަތްޕުޅުގެ އިތުރަށް އިސްލާމްދީނުގެ ނަބިއްޔާގެ އަމިއްލަ ޒާތުފުޅަކީވެސް ހުރިހާ އައިބަކުން ހުސްދުރުވެގެންވާ ޒާތުފުޅެކެވެ. ކަން މިހެން ހުރި އިރު، ކްރިސްޓިއަނުން އެ މާތް ޒާތުފުޅަށްދޭ ހަމަލާތަކާއި ކުރާ ފުރައްސާރައަކީ އެބައިމީހުންގެ އަދާވާތްތެރިކަމާއި ހިތްކަޅުކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫނެވެ.
އެހެންކަމުން ކްރިސްޓިއަނިޔާއާ ދެކޮޅަށް އަޅުގަނޑުގެ ބަޣާވާތްތެރި ހިޔާލުތައް ހިނދުން ހިނދަށް ދިޔައީ އިތުރުވަމުންނެވެ. އަޅުގަނޑަށް އަބަދުވެސް ހުރެވެނީ އެ ފިކުރުގެ ތެރެއަށް ގެއްލެވިފައެވެ. މިގޮތުގައި އުޅެމުން ގެންދަނިކޮށް، މިޔާން އަމީރުއްދީނެވެ ކިޔުނު މުސްލިމަކާ އަޅުގަނޑަށް ބައްދަަލުވެވިއްޖެއެވެ. އިސްލާމްދީނާ ބެހޭގޮތުން އޭނައާ ވާހަކަދެކެވިއްޖެއެވެ. އަޅުގަނޑު ވަރަށް ގިނަ ސުވާލުކުރީމެވެ. އޭނާ އަޅުގަނޑުގެ ކޮންމެ ސުވާލަކަށް، ނުހަނު ހަރުދަނާކަމާއެކު ބުއްދިވެރި ޖަވާބުތަކެއް ދެއްވިއެވެ.
ނަތީޖާއެއްގެ ގޮތުން އަޅުގަަނޑަށް ފުރިހަމަ ހިތްހަމަޖެހުމާއި ޔަޤީންކަން ލިބުނެވެ. އަޅުގަނޑުގެ ހިތުގައި ރޯވެފައިވާ ތެދުމަގުގެ އަލިކަމުގެ ކަނިފަށް، އޭނާ ބޮޑު ހުޅުގަނޑަކަށް ބަދަލުކޮށްލެއްވިއެވެ.
އިސްލާމްދީނަކީ ހައްޤުގެ ދީންކަމާއި ހަޔާތުގެ ފުރިހަމަ ޤާނޫނެއްކަން އަޅުގަނޑަށް ޔަޤީންވީ ހިނދު، އަޅުގަނޑު އިސްލާމްވާން ކަނޑައަޅައިފީމެވެ. އަލްހަމްދުލިއްލާހި އެވެ. މިއަދު އަޅުގަނޑަކީ މުސްލިމަކީމެވެ. އިސްލާމްދިނުގެ ރޫހާނީ ނިއުމަތްތަކުން އަޅުގަނޑުވަނީ މުއްސަނދިވެފައެވެ. އަޅުގަނޑު ޢަޒްމު ކަނޑައަޅާފައިވަނީ އެ ނިއުމަތް އެހެނިހެން އިންސާނުންނަށްވެސް ފޯރުކޮށްދިނުމަށެވެ.
(ޢަބްދުޑ ފާރޫޤް ޙަސަން، “އަހަރެން ހިޔާރުކުރީ އެންމެ މާތް ދީން”)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް