ހައްޖަށް މީހުން ގެންދަން އެދުނު ކުންފުނިތަކަށް އަލުން ޕޮއިންޓު ދޭން އޭސީސީން އަންގައިފި

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އެދުނު ކުންފުނިތަކަށް އަލުން ޕޮއިންޓްދީ، އިވެލުއޭޝަން މަރުހަލާ ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އިސްލާމިކް މިނިސްޓްރީއަށް އ...

30 May 2017 | 07:53

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އެދުނު ކުންފުނިތަކަށް އަލުން ޕޮއިންޓްދީ، އިވެލުއޭޝަން މަރުހަލާ ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އިސްލާމިކް މިނިސްޓްރީއަށް އަންގައިފި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެހެންވެ އެ މައްސަލަ ބަލާ ނިމެންދެން މިހާރު ހުއްދަ ދީފައިވާ އެއްވެސް ހައްޖު ގްރޫޕަކަށް ފައިސާ ނުދެއްކުމަށް އޭސީސީން ވަނީ އަންގާފައި އެވެ.

އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހުއްދަ ނުލިބުނު ނުވަ ކުންފުނީގެ ތެރެއިން ހަ ކުންފުނި ބާކީ ކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އެއްގޮތަށް ނޫން ކަމަށެވެ. އޭސީސީން ބުނީ ހައްޖު ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މިންގަނޑަކީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕްރީބިޑް މީޓިންގައި ދީފައިވާ މައުލޫމާތާއި ހިލާފަށް ތައްޔާރު ކޮށްފައިވާ މިންގަނޑެއް ކަމަށެވެ.

އޭސީސީން ބުނީ މިގޮތަށް އަމަލު ކޮށްފައިވާތީ ހައްޖަށް މީހުން ގެންދަން ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް މަދުން ޕޮއިންޓު ލިބުމާއި ޕޮއިންޓު ދެވިފައިވަނީ ހަމަ އުސޫލަކުން ކަމަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ. އެހެންވެ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދެވިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން އޭސީސީން ވަނީ އާ އިވެލުއޭޝަން ކޮމިޓީއެއް އެ މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭ ގޮތަށް އެކުލަވާލުމަށް އަންގާފައި އެވެ.

އިސްލާމިކް މިނިސްޓްރީން މި މަހުގެ 18 ވަނަ ދުވަހު  ނިންމާފައިވަނީ ރާއްޖެއަށް ލިބޭ 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ 500 ކޯޓާ އަމިއްލަ ފަސް ގްރޫޕަށް ދޭން ށެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓު ލިމިޓެޑް، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑް، ކިސްވާ ޕްރައިވެޓް ލިމިޓެޑް، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑް އަދި ޒައީ ހައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް  އަށެވެ.

މީގެ ތެރެއިން ކިސްވާ ހައްޖު ގްރޫޕު، ދަރުމަ ލިލްހައްޖި ވަލްއުމްރަތި ގްރޫޕަކީ މިއަހަރު މުޅިން އަލަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ދެ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް