އަޅުގަނޑުމެންގެ ތެރޭގައި ރޯދަމަހުގައި ފެންނަން ނުޖެހޭ ޢަމަލުތައް ފެނިގެން ދިއުމަކީ ހިތާމަވެރި ކަމެކެވެ. އޭގެ ތެރޭގައި އިސްރާފް ކުރުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ.
އަޅުގަނޑުމެންގެ މަތިވެރިވެގެންވާ އިސްލާމްދީނުގައިވެސް އިސްރާފްކުރުން ވަނީ މަނާ ކުރައްވާފަ އެވެ. ދެން އަޅުގަނޑުމެންގެ ތެރޭގައި އިސްރާފްކުރުން ގިނަވަނީ ކީއްވެތޯ؟ ރޯދަ ވީއްލުމަށް ގިނަ ކާބޯތަކެތި ތައްޔާރު ނުކޮށްފިއްޔާ ރޯދަ ނުވީއްލެނީތޯ އެވެ؟
ކޮންމެ ގެއެއްގައިވެސް އެގެއްގައި އުޅޭމީހުންނަށް ކެވޭ ވަރަށްވުރެ ގިނައިން ކާއެއްޗެހި ހެދުމަކީ މިހާރަކަށް އައިސް ވަރަށް އާއްމު ކަމެކެވެ. މީހުންނަށް ތިމާގެ ފޯރުން ދެއްކުމުގެ ބޭނުމުގައި އެތައް ބާވަތެއްގެ ހެދިކާ އާއި ފަނީގެ ބާވަތްތައް ހަދާ މީހުންގެ އަދަދު މަދެއް ނޫނެވެ.
ގިނައިން ކާއެއްޗެހި ތައްޔާރު ކުރުމުގެ ނަތީޖާއަކަށް ވަނީ އޭގެ ބޮޑުބައި އުކާލަން ޖެހުމެވެ. ރޯދައަށް ތިބޭ އިރު، ރޯދަ ވީއްލުމަށްފަހު ތިމާއަށް ވަރަށް ކާލެވޭނެއޭ ހިތަށް އެރިކަމުގައިވިޔަސް ރޯދަ ވީއްލުމަށްފަހު އެ ތައްޔާރު ކުރި އެއްޗެހި ގިނަ ފަހަރު ނުކެވެ އެވެ. އިންސާނާގެ ހަށިގަނޑު އުފައްދަވާފައިވާ ގޮތުގައި އިންސާނާ ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލުމަށް ކުޑަ އެތިކޮޅެއް ކެއުމުން ބަނޑުފުރެ އެވެ. ދެން އެހެންވީމާ ކީއްކުރަން ތައްޔާރު ކުރާ އެތައް ބާވަތެއްގެ ހެދިކާއެއް ހެއްޔެވެ؟
ރޯދަވީއްލުމުގެ އިތުރުން ރޭގަނޑު ކެއުމަށްވެސް ދެތިން ބާވަތުގެ ބަތް ނެތިއްޔާ ހިތްހަމައެއް ނުޖެހެ އެވެ. ރޯދަ ވީއްލުމަށްފަހު އެކެއި އެއްޗެއް ރަނގަޅަށް ހަޖަމް ނުވަނީސް ރޭގަނޑު ކެއުމަށް ތައްޔާރުވެއެވެ. ރޭގަނޑު ކެވޭ އެއްޗެހިވެސް އެހާމެ މަދެދެވެ. އޭގެ ބޮޑުބައިވެސް ޖެހެނީ އުކާލާށެވެ. ހަމަ އިސްރާފު ކޮށްލާށެވެ.
އިސްރާފު ކުރުމުގެ ކުރިން އެންމެ އެއްޗެއްގެ މަތިން ވިސްނާލާށެވެ. އެކި އެކި ބާވަތުގެ ހެދިކާއާއި އެހެނިހެން ކާބޯތަކެތި ހަދައިގެން އެއެއްޗެހި އިސްރާފުކުރާއިރު އެފަދަ މީރު އެއްޗެއްގެ ރަހަ ނޭނގޭ އެތައްބަޔަކު މިދުނިޔެ މަތީގައި އަދި އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް އެބަ ތިބިކަން ވިސްނާލާށެވެ. ތިބާ މިއަދު އިސްރާފު ތިކުރާ ކާއެއްޗެހި މާދަމާ ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑުމެންނަކީ ކުރީޒަމާނުއްސުރެ ސާފު ވާރޭފެން ބޮމުން އަންނަ ދިވެހީންނެއް ނޫންހެއްޔެވެ. އެ ނިޢުމަތުންވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މަހުރޫމް ވެފައި މިވަނީ ހަމަ އިސްރާފު ކުރުމުން ނޫންހެއްޔެވެ. ފެން ލިބެއޭ ކިޔައިފައި ފައި ދޮވުނަސް ފެންވެރިއަސް ބޭނުން ކުރީ ހަމަ އެ ފެނެވެ. ފަހުގެ ނަތީޖާއަކަށްވީ މިއަދު ހަމަ މިނެރަލް ފެން ފިހާރަތަކުން ގަނެގެން ބޯން ޖެހުމެވެ.
މި މާތް މައްސަރުގައި ގޭގައި ހަދާ އެއްޗެހި ފުދޭވަރަށް ހަދައި އިސްރާފު ކުރުން މަދު ކުރުމަށް އެންމެންވެސް ވީ އަޒުމް ކަނޑައަޅާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް