އަހަންނަކީ ތ.ދިޔަމިގިއްޔަށް އުފަން ފަޤީރު ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެކެވެ. ޢާއްމުންގެ ނަމުންނަމަ، އަހަންނަކީ ކަނު މަންމަނު ސޮރެވެ. އެހެނަސް އަހަރެންގެ މަންމައާއި ބައްޕައަށް އަހަރެންނަކީ އެ ދެމަފިރިންގެ ލޮލުގެ ފިނިކަމެވެ. އެ މަންމައާއި ބައްޕަގެ ޙަޔާތުގެ ކޫޑިވެފައިވާ ރުކެއްގެ ބޮންތިއެވެ. އަނދިރިގަނޑެއްގެ ތެރޭގައި ދިއްލިފައިވާ ފުޅިބައްތީގެ އުންމީދުގެ އަލިކަމެވެ.
ހަނދާން ހުންނަން ފެށީއްސުރެވެސް މިއަދާ ހަމައަށް އަހަރެންނަކީ މަންމަނެކެވެ. އޭރުގައި އަހަރެންގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ﷲ ގެ ރަޙްމަތްފުޅުން މިއަދު އަހަރެންގެ ލޮލުގެ ފެނުމަކަށް އުނިކަމެއް ލިބިފައިވާ އިޙްސާސެއް ނުވެއެވެ. މި ނިޢުމަތް ﷲ އަހަރެންނަށް ދެއްވީ އަހަރެންގެ ލޯބިވާ މަންމަ މެދުވެރިކޮށެވެ. ނަމަވެސް، ހަނދާނުން ފޮހެލަންދަތި ޙާދިސާއަކާއިވެސް އެކުގައެވެ.
ބައްޕަ މާބޮޑަށް ބަލިވެ، މި ދުނިޔެ ދޫކޮށްދިޔައިރު އަހަރެންގެ ޢުމުރަކީ އެންމެ 11 އަހަރެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން އަހަރެންނާއި މަންމަ ކުރިއަށްވުރެވެސް ބޮޑަށް އެކަނިވެރިވެގެން ދިޔައެވެ. ފަޤީރުކަމުގެ ސަބަބުން އަޅާލާނެ ތިމާގެމީހެއް ނެތްތާނގައި، ޙާލު ބަލައިލާނެ ރައްޓެއްސެއްވެސް ނުވިއެވެ. އޭގެފަހުން، އަހަރެންނާއި މަންމަ ތިބެނީ އެއްފަހަރު ކައިފިނަމަ، އަނެއްފަހަރު ނުކައެވެ. ބަނޑުހައި ހޫނުކަމުގެ ވޭނުގައި، މަންމަ އަހަރެން ގޮވައިގެން އުޅުނުގޮތް ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އަހަރެންގެ ހިތަށް އެ މަންމަގެ އެކަނިވެރިކަމާއި މޮޅިވެރިކަން އިޙްސާސްވެއެވެ.
އެގޮތުގައި ދުވަސްތައް ގުނެމުން ދިޔައެވެ. އަހަރެމެންގެ ޙާލާމެދު ދެރަވެ އަޅާލާނެ އެކަކުވެސް ނެތެވެ. ލިބުނު އެއްވެސް އުފަލެއްނެތެވެ. އެހެނަސް، އަހަރެންފަދަ ނުކުޅެދޭ ކުއްޖެއް ގޮވައިގެން އެ މަންމަ ހޭދަކުރި ވަގުތުތަކަކީ، ޤަލަމަކުން ބަޔާންކުރެވޭނެ ފަދަ ވަގުތުތަކެއް ނޫނެވެ. ދުވަސްތައް މިގޮތުގައި ހޭދަވަމުން ދިޔައީ ނާއުންމީދުން ފުރިފައިވާ ހިތަކާއި އެކުއެވެ. ތަޤުދީރުގައި ކުލަ ޖައްސާލާނެ ކުލަފަންސޫރެއްގެ ޙިލަމެއްވެސް ނުވާ ޙާލުގައެވެ.
ދުވަސްތައް ވޭތުވަމުންދަނީ، ބަނޑުހައި ހޫނުކަމާއި ފަޤީރުކަމުގެ ޙާލުގައި ދިރި ހުރީތީ ﷲ އަށް ޙަމްދު ކުރާ ޙާލުގައެވެ. މިހާރު މަންމަ އަކީ މުއްސަނދިންގެ ގެތަކުގައި ކުނި ކަހައިދީ ފެންފޮތި ލައިދޭ މީހެކެވެ. އެގޮތުން، އަހަރެމެންގެ ދެމައިންގެ ކޮއްތު ގަނެފައި ބާކީވާ ރުފިޔާ މަންމަ ފޮރުވަނީއެވެ. ކީއްކުރަންތޯ އަހާ ނުލެވުނަސް މަންމަ އަބަދު ކިޔާނެއެވެ. "މިއީ މަންމަގެ ދަރިފުޅުގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް މަންމަ ދަރިފުޅައްޓަކައި އެއްކުރާ ފައިސާ! މަންމަ އެދެނީ އެންމެ ފަހަރަކު ނަމަވެސް މަންމަ ނުގޮވަނީސް ދަރިފުޅަށް މަންމަ ފެނިގެން މަންމަ ގައިގަ ބައްދާލާ މަންޒަރު ދެކެން. އެދުވަހަކުން މަންމަ ހާދަ އުފާވާނެއޭ"
މަންމަ އެހެން ބުނާ ކޮންމެ ފަހަރަކު ހިތުގެ ހުރިހާ އުދާސްތަކެއް ރާޅު ބާންޏެއްފަދައިން އޮއްސާލާނަމޭ ހިތައްއަރައެވެ. އެހެނަސް އަހަރެންނަށް އެ ނަސީބު ލިބިފައި ނުވީތީ އަހަރެން އަސަރުން ފުރިގެންވާ ޙާލުގައި މަންމަގެ އުނގުގައި ބޯއަޅައަޅައިލަމެވެ. އުންމީދެއްނެތް ކުރިމަގު އުޖާލާ ވާނެކަމުގެ ހުވެފެނެއް ފެނޭތޯއެވެ. މަންމަގެ ދުޢާ އިޖާބަ ކުރައްވާނޭ ދުވަހަކަށް އެދިއެވެ. އެގޮތަށް މަންމަގެ އުނގުގައި ބޯއަޅާލާ ކޮންމެ ފަހަރަކު، އަހަރެންގެ ބޮލުގައި ފިރުމާލައި ހިތްފަސޭހަ ރާގެއްގައި މިފަދައަކުން ކިޔާތީ އިވެއެވެ.
" މަޑުން މީ އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ...
މަޑުން މީ އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ...
މަވީ މަވީ ލޯބިން ނަޔާ ރާގުގާ ކި ނާނާ...
މަޑުން މީ އޮވެ ނިދާލާތޯ ...
މަޑުން މީ އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ...
މަތިވެރި ޤަދަރާ ޝަރަފުން ފަޚުރުވެރި ވެދާހާ...
މަތިވެރި ޤަދަރާ ޝަރަފުން ފަޚުރުވެރި ވެދާހާ...
ދަތިކަން ދުނިޔޭގަ ފިލައި އުފަލުގާ އުޅޭހާ...
މަތިވެރި މުސްތަޤުބަލް އެދިގެން ކިޔާ މި ނާނާ..
ނިދާލާތޯ، މަޑުން މީ އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ..."
އަހަރެންނަށް ލޮލަށް ނުފެނުނަސް އިޙްސާޞްކުރެވެއެވެ. ކަނު އަނދިރިކަމުން ފުރިފައިވި އަހަރެންގެ މި ޙަޔާތުގެ އިޙްސާސްތައް ބަޔާންކުރަން އަހަރެންގެ ޒަމީރު އެދުނަސް، އަހަރެންގެ ދުލުން އެންމެ ލަފްޒެއްވެސް ބުނުމަކައި ނުލައި މަންމަ އެކަން ދެނެގަންނަނީ އެއްވެސް އުނދަގޫ ކަމެއްނެތިއެވެ. ކުޅަދުންވަންތަ އިލާހުގެ މަތިވެރި ކަމެވެ. މައެއްގެ ލޯތްބެވެ. އެއަށްވުރެ ފުރިހަމަ ކަމެއް ދުނިޔޭގައި ދެންފަހެ ކޮބައިހެއްޔެވެ؟
އަހަރުތައް ފާއިތުވެ ގޮއްސިއެވެ. މިހާރު އަހަރެންނަކީ އުންމީދުން ފުރިފައިވި ޒުވާނެކެވެ. އެގޮތުން އެ މުސްކުޅި މަންމަގެ ހުވަފެން ޙަޤީޤަތަކަށް ވޭތޯ ދުރުތާ ރައްޓެއްސެއްގެ އެހީގައި މަންމަ އަހަރެން މާލެފޮނުވާލިއެވެ. ލޮލުގެ އޮޕަރޭޝަނަކަށެވެ. ޙަޔާތުގައިވެސް ކުޑަދުވަސްކޮޅަކަށް ނަމަވެސް މަންމައާއި ދުރަށް ދާންޖެހުނު ފުރަތަމަ ފަހަރެވެ. ކިތަންމެ ދާންބޭނުން ނުވިޔަސް، މަންމަ އަހަރެންނަށް ރަށުން އަލްވަދާޢުކީ އަވަހަށް ބައްދަލުވާނެ ކަމަށް ބުނަމުންނެވެ. އަދި މަންމަގެ ރަޙްމަތްތެރިޔާ ގާތުގައި އަހަރެން ރަނގަޅަށް ބެލުމަށް އެދެމުންނެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ބަރުގޮނުތަކުން ގުގުމާލާފައިވާ ކާރުބާރު ބޮޑު މާލޭގެ ބަނދަރަށް އަހަރެން ފޭބީ ކަނު އަނދިރި، އަހަރެންގެ މި ޙަޔާތައް އަލިކަމެއް ލިބޭތޯއެވެ. ކުލަފަންސޫރުތަކުން ކަޅުކުލަ ނޫން އެހެން ކުލައެއް ތަޖުރިބާ ކޮއްލުމުގެ ފޮނި އުންމީދުގައެވެ. ރަށަށްގޮސް އެ މަންމަ ދެކިލާހިތުން ކެތްމަދުވެފައިވާ ހިތަކައިގެންނެވެ. ކޮންމެއަކަސް ކަންވީވެސް އުންމީދު ކުރި ގޮތަށެވެ.
ކޮންމެވެސް ފަރާތެއްގެ ދީލަތި އެހީތަކަކާއި އެކު މަހެއްހާ ދުވަސް ތެރޭގައި އަހަރެންގެ ލޮލުގެ އޮޕަރޭޝަންތައް ނިމި، އަހަރެންގެ ލޮލުގެ ފެނުން އަތުވެއްޖެއެވެ. އުންމީދުގެ އޮއެވަރުގައި ކުލަޖެހިއްޖެއެވެ. އެ މަންމަގެ އުނގުގައިއޮވެ ފެނުނު ހުވަފެންތައް ޙަޤީޤަތަކަށްވާން ގާތްވެއްޖެއެވެ. އަހަރެންގެ ލޮލުގެ ފެނުމަށް ދުވަހަކުވެސް އުނިކަމެއް ލިބިފައި ނުވާ ފަދައެވެ. ސާފުކޮށް ދުނިޔެ ފެންނަން ފަށައިފިއެވެ. ކެތްމަދުވެފައިވާ އަހަރެން، އިޝާރާތުން ވާހަކަދެއްކީ މަންމަގެ ރަޙުމަތްތެރިޔާއާއެވެ. އެންމެ އަވަހަށް ރަށަށްފުރާ ދޯންޏަކުން އަހަރެންނަށް ޖާގައެއް ހޯދައިދީ، މަންމަގާތުގައި ނުބުނެ އަހަރެން ފުރުވާލުމަށް އެދިއެވެ. އޭނާ އާނއެކޭބުނެ ކަންތައްތައް އިންތިޒާމުކޮށްދޭން އެދުނީ އުފަލާއެކުއެވެ. އަހަރެން ހަސްފަތާލުން ދޫކޮށްލިތާ 3 ވަނައަށްވީ ދުވަހުގެ ހެނދުނު، ލޯބިވާ މަންމަ ދެކިލުމަށް އެދި ރަށަށްދިއުމަށް ފުރައިފީމެވެ. ރަށަށްލެފުނީ އޭގެ އަނެއްދުވަހު ޢަޞްރު ވަގުތުވީ ތަނާހެންނެވެ.
ދަބަސް ކޮނޑުގައި އަޅުވައިގެން ގެއާދިމާލަށް ހިނގައިގަތީ އަހަރެންނަށް ރަށުގެ މަގުތައް ހިތުދަސްވެފައި ހުރުމުންނެވެ. އެހެނަސް ގެއަށްދިޔަ މަގުމަތީގައި މިސްކިތެއްގައި ޖަމާޢަތުގެ ނަމާދެއް ކުރާތީ، މަންމަ ކިޔައިދިން ގޮތައް ވުޟޫކޮށް ނަމާދަށްއެރީ އަހަރެންވެސް އެ ޖަމާޢަތުގައި ބައިވެރި ވުމުގެ އުންމީދުގައެވެ. އެހެނަސް 2 ރަކުޢަތުގެ އެ ނަމާދު، މިސްކިތުގެ އިމާމް ނިންމާލީ މަންމަ ކިޔައިދިން ގޮތައި ޚިލާފަށް މަންމަގެ ތަރުބިއްޔަތާމެދު ސުވާލުތައް އުފައްދަމުންނެވެ. މަންމަ ބުނެދެއްވިއެވެ. " ދަރިފުޅާއެވެ! ފަތިސް ނަމާދުގައި ވަނީ 2 ރަކުޢަތެވެ. މެންދުރުނަމާދާއި ޢަޞްރު ނަމާދާއި ޢިޝާ ނަމާދުގައި ވަނީ 4 ރަކުޢަތެވެ. އަދި މަޣްރިބް ނަމާދުގައިވަނީ 3 ރަކުޢަތެވެ" ދެން އެހެންވީރު މިވީ ކީއްހެއްޔެވެ؟
އަހަރެންނަށް ފަހުން ދެވުނީތީ އަހަރެން ހުރީ އެންމެފަހަތު ސަފުގައެވެ. ނަމާދުކޮށްނިމި، ފެންނަކޮންމެ މީހެއް އަހަރެންގެ ކޮނޑުގައި އަތްޖަހާލައި ގަޔާއި ކައިރިކޮށްލުމަށްފަހު ބުރަކަށީގައި ފިރުމާލައެވެ. ބަދަލުގައި އަހަރެން ކޮންމެ މީހަކަށްވެސް ހިނިތުންވުމަކުން ޖަވާބުދިނީ، މަހެއްހާ ދުވަހަށް ފަހު އަހަރެން ފެނުނީތީ އެމީހުން އުފާކުރާކަމަށް ހީކުރަމުންނެވެ. ނަމަވެސް ކަންހިނގައިދިޔައީ ދިމާ އިދިކޮޅަށެވެ. ބައްޕަ މަރުވިދުވަހު މަންމަ ރޮއެރޮއެފައި އަހަރެންނަށް ކިޔައިދިން ވައްތަރުގެ ފޮއްޓެކެވެ. ވަރަށް އުނދަގުލުން ނަން ހަނދާނަށް އައިއްސިއެވެ. އާނއެކެވެ! އޭގެ ހަތަރު ކޮޅުގައި ހަތަރު މީހުން ހިފައިގެން އެ ގެންނަނީ ސަންދޯކެކެވެ. ބައްޕަ މަރުވެގެން ކަފުންކުރި ދުވަހު އަހަރެމެންގެ ކުޑަކުޑަ ޖިފުޓިގަނޑުން ދުވަމުންދިޔަ ވަސް އެ ފޮށި ގާތްވަމުން ދިޔަ ވަރަކަށް ގަދަވާހެން ހީވިއެވެ. އަދިވެސް އޭގެއަށް އަހަރެން ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. އެމީހުން އަހަރެންނާއި އަރާ ހަމަވުމާއިއެކު ސަންދޯއް އަހަރެންގެ ކުރިމަތީގައި ބަހައްޓާލިއެވެ. ވަގުތުން އަހަރެން އެތަނުން ދާން ބޭނުންވިއެވެ. މިވަނީ ކީއްތޯވެސް އަނހާލުމެއްނެތި ޙަޤީޤަތަށް ފިލޭތޯއެވެ. އެހެނަސް އެވަގުތުގައި ދުއްވައިގަންނާނެ ހިތްވަރެއް އަހަރެންގެ ދެފައިގައެއް ނެތެވެ. އިތުރު އެއްވެސް ޙަރަކާތެއްވެސް ކުރަން ނޭނގިފައި އަހަރެންނަށް ހުރެވުނީ ލިބުނު ކުއްލި ސިހުމެއްގެ ބޮޑު ކަމުންނެވެ. ވާއެއް ނުވާއެއް ނޭނގެއެވެ. ރޯންވެސް ނޭނގިފައި އަހަރެންނަށް ހުރެވުނީއެވެ. އެތަނުން މީހަކު، އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވާލާ އެއީ މަންމަގެ ފުރާނަނެތް މަސްގަނޑު ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ދިރިހުރި މަސްގަނޑެއްހެން އަހަރެން ހަމަ އެ ފިޔަވަޅު މަތީގައި ފަރާތަކަށް ޖެހިލަންވެސް ނޭނގިފައި ހުރީ ހަދާނެގޮތް ހުސްވެފައިވާ ކުޑަ ކުއްޖެއްފަދައިންނެވެ. އަހަރެން ދުނިޔޭގައި ހުރިކަންވެސް ހަނދާންނެތިފައެވެ. އެހެނަސް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ކިތަންމެ ވަރަކަށް ޙަޤީޤަތުގައި ފަސް އަޅަންބޭނުން ވިޔަސް އަހަރެންނަށް ނޭނގުމެއްގެ ތެރޭގައި ކުރެވުނީ އެ ލޯބިވާ މަންމަގެ މައްޗައް ކުރެވުނު ކަށު ނަމާދެވެ. އާނއެކެވެ. އެ މަންމަގެ ތަރުބިއްޔަތުގައި އެއްވެސް އުނިކަމެއް ނެތެވެ. ހުރިހާ ކަމަކަށް ކެއްތެރިވުމަށް ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. އެކިއެކި ތަފާތު ކަންތައްތައް އަމިއްލައަށް ކުރަންވެސް ދަސްކޮށް ދިނެވެ. އެހެނަސް އެ މަންމަ އާއި ނުލައި ޙަޔާތުގެ އެންމެ ސިކުންތެއްވެސް ހޭދަކުރުމަށް ދުވަހަކުވެސް ތަރުބިއްޔަތު ލިބިފައެއް ނުވެއެވެ.
ދެ ކަކޫ މައްޗައްތިރިވެ މަންމަގެ ސަންދޯކުގެ މަތީގައި ބޯއަޅައި އަހަރެންނަށް ރޮވެންފެށިއްޖެއެވެ. އަދި އެއްފަހަރު މަންމަގެ ތި އުނގުގައި ބާއްވާލަދޭށޭ ހިތުން އާދޭސް ކުރަމުންނެވެ. އަހަރެންގެ ބޮލުގައި ފިރުމާލާ އެންމެ ފަހަރަކު އެ ނާނާ ކިޔަދޭން ތެދުވަން އެދެމުންނެވެ.
ދުނިޔޭގެ ހުރިހާ އުފަލެއް އެކުއެކީހެން ގެއްލިގެންދިޔަ ފަދައެވެ. އެ މަންމަ ދެކިލާހިތުން ކެތްމަދުވެފައި ހުރެ އައިއިރު ފުރާނަނެތް މަސްގަނޑުގެ މޫނުވެސް ނުފެނުނީއެވެ. ހިތާމައިގެ ވިލާގަނޑަކުން ބަނަވެގެން އަހަރެންގެ ޙަޔާތް ދިޔައީ ކޮންފަދަ އަކުންކަމެއް ބުނެދޭކަށްވެސް ނޭނގެއެވެ. އަހަރެން މަސަލަސް ކުރުމަށްޓަކައި އެކި މީހުން އެކި ގޮތްގޮތައް ނަޞޭޙަތްތައްދިނެވެ. އެހެނަސް އޭރުވެސް ހުއްޓުމެއްނެތި އަހަރެންނަށް ޤިޞްލާ ރޮވެމުންދިޔައެވެ. ދެތިން މީހެއްގެ އެހީނގައި ސަހަރާއަށްވަދެ އެ މަންމަގެ ފުރާނަނެތް މަސްގަނޑު، ވަޅަށް ތިރިކުރީ ޚުދު އަހަރެންގެ މި ދެއަތުންނެވެ. ތަަޤްދީރުގެ މޮޅު ރޭވުންތައްބައްލަވާށެވެ. ލޯބިވާ މަންމަ ދުނިޔެ ދޫކޮށްދިޔައީ އަހަރެންގެ ލޮލުގެ ފެނުންލިބި، ނޭނގިހުރެ އެ މަންމަގެ މައްޗައް ކުރެވުނު ކަށުނަމާދުގައި ބައިވެރިވެވި އެ މަންމަގެ މޫނުވެސް ނުފެނިއެވެ.
އެ ޙާދިސާއަށްފަހު އަހަރެން މާލެ ބަދަލުވީމެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން މަރުކަޒެއްގެ އެހީގައި އަހަރެންނަށް ވަޒީފާއެއް ހޯދުނެވެ. ވަޒީފާގައި އުޅުނުތާ 3 ވަނަ އަށް ވީ އަހަރު އަހަރެންނާއި އެކު މަސައްކަތް ކުރަމުންްއައި ޝެހެނާޒް ކިޔާ ކުއްޖަކާއި އަހަރެން ކައިވެނި ކުރީމެވެ. ޝެހެނާޒްގެ ޢާއިލާގެ ފުރިހަމަ ރުޙުމުގައެވެ. އެގޮތުން، ކައިވެންޏަށް ދޮޅު އަހަރުވާން ގާތްވެފައިވަނިކޮށް ލޯބިލޯބި އަންހެން ކުއްޖެއް އަހަރެމެންގެ ކުޑަކުޑަ މި ޢާއިލާއަށް އުފާވެރިކަން ގެނެސް ދިނެވެ. އަހަރުމެން އެ ދަރިފުޅަށް ނަންދިނީ ޚުދު އަހަރެންގެ މަންމަގެ ނަމުންނެވެ. ރުޤައްޔާ ބިންތު އަޙްމަދު ޞާލިޙް ބިން ޢުމަރުގެ ނަމުންނެވެ."
އަހަރެންގެ ތަޤްދީރުގެ މި ކުރު ޚުލާސާ ނިންމާލަމުން ގަޑިއަށް ބަލައިލީ ނިދުމުގެ ކުރިން، މަންމައަށްޓަކައި ދެތިން ފޮޅުވަތްލިޔެލުމަށެވެ. އެގޮތުން އަހަރެން ލިޔަންފެށީމެވެ.
"އެދެމޭ އަހަރެންވެސް އިނދެލުމަށް..
ޖަންނަތުގައި މަންމަގެ އުނގުތެރޭ..
ކުރަމޭ މަ ދުޢާ ލިބުމަށް ޖަންނަތް..
އަހަރެންގެ ތި ލޮބުވެތި..."
މިހާހިސާބަށް ލިޔެވުނުތަނާހެން ސިއްސައިގެންގޮސް އަހަރެންގެ އަތުން ގަލަން ވެއްޓުނީ ޢުމުރުން 2 އަހަރުގެ ރުޤައްޔާ ރޯންފެށުމުންނެވެ. ޝެހެނާޒް ނުހޭލަނީސް އަހަރެންގޮސް ރުޤައްޔާ ނަގައިގެން ކޮނޑުމަށްޗައްލައި މަސަލަސް ކޮއްލީމެވެ. ރުޤައްޔާ ހަމައަަކަށް އެޅުމާއި އެކު، ކޮޓަރީގައި އިން ލަވަ ޖަހާ ސެޓުން، މަންމަ އަހަރެންނަށް ކިޔައިދިން ނާނާ އަހަރެން ރުޤައްޔާއަށް ޖަހައިދިނީމެވެ. އެއަށްފަހުގައި ގޮސް، ގަލަން ނަގައި ސަރަންފީގައި އިށީނދެ މަންމައަށްޓަކައި ލިޔަމުން ދިޔަ ފޮޅުވަތް ފުރިހަމަ ކޮށްލީ ޖަންނަތުގައި މަންމައާއި އެކުގައި ވުމަށް ދުޢާ ކުރަމުންނެވެ.
"އެދެމޭ އަހަރެންވެސް އިނދެލިމަށް..
ޖަންނަތުގައި މަންމަގެ އުނގުތެރޭ..
ކުރަމޭ މަ ދުޢާ ލިބިމަށް ޖަންނަތް..
އަހަރެންގެ ތި ލޮބުވެތި އޯ މަންމާ.."
-ނިމުނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް