އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ވަނީ އެކަން މެމްބަރުންނަށް މިހާރު އަންގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާ މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު މަޖިލީހުން ވަނީ ތިން ބިލެއް ފާސްކޮށްފަ އެވެ. އެއީ ދިވެހިރާއްޖޭގައި އަލަށް ގާއިމް ކުރުމަށް ނިންމި އިސްލާމިކް ޔުނިވާސިޓީގެ ބިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި ޕަބްލިކް ސާވިސް މީޑިއާ އުފެއްދުމަށް ހުށަހެޅި ބިލުގެ އިތުރުން އެންމެ ފަހު ޖަލްސާގައި ފާސްކުރި ސިއްހީ ހިިދުމަތްތެރިންގެ ބިލެވެ.
ހަމަ އެއާ އެކު ހަ ގާނޫނަކަށް އިސްލާހު ގެނެސް އެ އިސްލާހުތައް ވެސް މިދައުރުގެ ޖަލްސާތަކުގައި ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރަށް މިހާރު ސަރުކާރުން ވަނީ ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ހަމަހަމަ ކަމާއި އެކު ރޯދަ އިނާޔަތް ދިނުމަށް ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކާއި ރައީސް އާއި ނައިބް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހެވެ.
މަޖިލީހުގެ ޖަލްސާ މި އަހަރަށް ހުޅުވި ޖަލްސާ އިން ފެށިގެން އިދިކޮޅު އެމްޑީޕީން ދިޔައީ މަޖިލީހުގައިކޮންމެ ދުވަހަކުހެން އިހުތިޖާޖު ކުރަމުން ނެވެ. އެކަމުގެ ސަބަބުން ޖަލްސާތަކުގެ ލައިވް ފީޑު ދޫކުރުން ވެސް މަޖިލީހުގެ އިދާރާއިން ހުއްޓާލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް