މަސްވެރިކަމުގެ ދާއިރާ އިން ރާއްޖެ އިން އިންޑޮނޭޝިއާއަށް ފަންނީ އެހީތެރިކަން ދޭން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި މިމަހުގެ 27 ވަނަ ދުވަހު ފެށި ކަނޑުމަހުގެ ވިޔަފާރިއާ ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ އެވެ.
އެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އިންޑޮނޭޝިއާގެ އުފެއްދުންތަކަށް މެރިން ސްޓީވާޑަސް ސެޓްފިކެޓް ހޯދުމަށް ރާއްޖޭން އެހީތެރިވާނެ ކަމަށެވެ. އެމްއެސްސީ ސެޓްފިކެޓް ހޯދުމާ ބެހޭ ފަންނީ މައުލޫމާތު ހިއްސާ ކުރުމުގެ އިތުރުން ސެޓްފިކެޓް ހޯދުމަށް ކުރާ މަސައްކަތުގައި އިޖުތިމާއީ ގޮތުން ކުރިމަތިވާ ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތް ވެސް ރާއްޖޭން ކިޔައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
"އެމްއެސްސީ ސެޓްފިކެޓް ހޯދުމަށް ދިވެހި ސަރުކާރާއި ސަރުކާރާއި ބައިވެރިވާ އެންޖީއޯތަކުން އެހީތެރިވާނެކަމުގެ ޔަގީން އިންޑޮނޭޝިއާގެ މަސްވެރިކަމާ ބެހޭ އިދާރާތަކާއި ކަނޑު މަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް އަޅުގަނޑު ދޭން ބޭނުން،" ޑރ.ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ޑައިރެކްޓާ ޖެނެރަލް ފޯ ފިޝަރީޒް ޕްރޮޑަކްޓް ޕޮރޮސެސިން ސައުޓު ޕީ ހުޓަގަލަން ވިދާޅުވެފައި ވަނީ ރާއްޖެއަށް ޝުކުރުވެރިވާ ކަމަށާއި ރާއްޖެއާ އެކު މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖެ އިން އެމްއެސްސީ ހޯދީ 2012 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް