ޔުމްނު ވެއްޓުނު ހާދިސާގެ ތަޙުޤީޤަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުގެ މަސައްކަތް ފަށައިފި ކަމަށާއި އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ އެ ކޮމިޝަނުން މިއަދު ބޭއްވި އެ ކޮމިޝަނުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައެވެ.
އެ ޕްރެސް ކޮންފަރެންސްގައި ޑރ. މުނައްވަރު ވިދާޅުވީ އެ ޕްރެސް ކޮންފަރެންސްގެ ބޭނުމަކީ އެ ކޮމިޝަންގެ މަސައްކަތް ފަށައިގަތްކަން ހާމަކުރުން ކަމަށެވެ.
ކޮމިޝަނަށް ޔުމްނުގެ ޢާއިލާއިން އިތުބާރު ނުކުރާކަން ހާމަކޮށްފައިވާއިރު އެކަމާއިމެދު ދެކެލައްވަނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. މުނައްވަރު ވިދާޅުވީ އެ އިތުބާރަކީ ޤާއިމު ކުރުމުން ލިބޭނެ އިތުބާރެއްކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ކުރިން އެކުލަވާލި ރިޔާސީ ކޮމިޝަންތަކުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ އިތުބާރު ހޯދަން އުނދަގޫވާނެ ކަން ޑރ. މުނައްވަރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކަށް އޭނާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި ނުފޫޒެއް ފޯރުވަން އެއްވެސް ފަރާތަކުން މަސައްކަތްކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެ ކޮމިޝަނަކީ ނަތީޖާ ނެރޭނެ ކޮމިޝަނެއް ކަމަށާއި ކޮމިޝަންގެ މަސައްކަތް ވަރަށް އަވަސްވާނެ ކަމުގައިވެސް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު އިތުރަށް ވިދާޅުވީ ފުލުހުންގެ ތަޙުޤީޤު ފުލުހުން ކުރިއަށްގެންދާނެ ކަމަށާއި ފުލުހުންގެ ތަޙުޤީޤަށް ބަލައި ކޮމިޝަނުންވެސް ތަޙުޤީޤު ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަގުޞަދަކީ އިންސާފާ ހަމައަށް ގެންދިއުންކަންވެސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް