އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހި ފަސް ދުވަސް މިއަދަށް ހަމަވާތީ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އިތުރަށް 10 ދުވަހުގެ ބަންދު އަމުރެއް ދީފައެވެ.
ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދަށް ކުރާ ތުހުމަތަކީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ ޔުމްނު، ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން، އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮވެދާނެ ކަމުގެ ތުހުމަތެވެ.
މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ. އެއީ ހާދިސާ ހިނގިތާ ހަ ދުވަސް ފަސް ކަމުގައިވާއިރު، ރައުދު ހައްޔަރުކުރީ އާންމުން ކަންބޮޑުވުންތަކާއި ޕްރެޝަރުގައި ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނުއަށް މިހާރު އަންނަނީ މެލޭޝިޔާގައި ފަރުވާދެމުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް