އަމިއްލަ ނަފުސުގެ ގާބިލުކަން ދެނެގަނެ، އޭގެ ބޭނުން ހިފައިގެން ކާމިޔާބު މީހަކަށް ވާނެ ގޮތް ކިޔައިދޭ، އަފީފް ހުސެއިންގެ ހާއްސަ އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށް މި އިވެންޓް އިންތިޒާމުކުރާ ރެޒޫމޯ މޯލްޑިވްސް އިން ބުނެފި އެވެ.
'ޑިސްކަވާ ޔޯ ގްރޭޓްނަސް' ގެ ނަމުގައި އަންނަ ހޮނިހިރުވާ، މޭ 4 ވަނަ ދުވަހު ހެނދުނު 8-3 އަށް މާލޭގައި ބާއްވާ މި އިވެންޓުގައި ކިޔަވައިދެއްވާ އަފީފަކީ، ބައިނަލްއަގްވާމީ އެތައް ޕްލެޓްފޯމްތަކެއްގައި ކީނޯޓު ތަގުރީރުކުރައްވާފައިވާ، އެގްޒެކެޓިވް ކޯޗެކެވެ.
ސީދާ ހާޒިރުވެގެން މި ސެޝަނުގައި ބައިވެރިވެވޭނީ 999 ރުފިޔާ ދައްކައިގެންނެވެ. ނަމަވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ފުރުސަތު ދިނުމަށްޓަކައި، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ކަމަށް ރެޒޫމޯ އިން ބުނެ އެވެ. އޮންލައިންކޮށް ބައިވެރިވާ ނަމަ ދައްކަން ޖެހޭނީ 500 ރުފިޔާ އެވެ. މި ސެޝަން ފުރިހަމަކުރައްވާ ފަރާތްތަކަށް ސެޓްފިކެޓެއް ލިބޭނެ އެވެ.
މި އިވެންޓުގައި އަފީފް ކިޔަވައިދެއްްވާ ބައިތަކުގެ ތެރޭގައި ތިމާގެ ގާބިލުކަމާއި، ތިމާ ކުރަން ބޭނުންވާ ކަންކަން ދެނެގަންނާނެ ގޮތްތަކާއި، އަމިއްލަ ނަފުސާ މެދު އޮތް ކުށްހީތައް ނައްތާލާނެ ގޮތްތަކާއި، ތިމާ ބޭނުންވާ ކަންކަން ހާސިލުކުރަން އަމާޒުތައް ކުރަހައި، އެއަށް ވާސިލްވާނެ ގޮތްތައް ހިމެނެ އެވެ.
މި އިވެންޓުގައި އަފީފް ސެޝަން ނަންގަވައިދެއްވާނީ އެންމެ ފަހުގެ ހޯދުންތަކާއި، ދިރާސާތަކުގެ އަލީގަ އެވެ. އަދި އަފީފްގެ އަމިއްލަ ތަޖުރިބާތަކާއި، އިލްމީ ކަރުދާސްތަކަށް ވެސް އަލިއަޅުއްވާލައްވާނެ އެވެ.
މިއީ، ވަޒީފާއަދާ ކުރާ މީހުންނާއި، ކިޔަވާ މީހުންނާއި އަދި ދާނެ ވަކި ދިމާލެއް ހިޔާރުކޮށްފައި ނެތް މީހުންނަށް ވެސް ނުހަނު ބޭނުންތެރި ސެޝަނަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ.
"މި ސެޝަނުގައި އޮންނާނީ ހަމައެކަނި އިށީނދެލައިގެން ތިބެ އަޑުއަހާލުމެއް ނޫން. ވަރަށް މަޖާ، އުފާވެރި މާހައުލެއްގައި، ކަންކަން ދަސްކުރުން އޮންނާނީ. ސެޝަން ނިމިގެންދާނީ ވަރަށް ބޮޑަށް މޯޓިވޭޓްވެ، ހިތްހަމަޖެހިލައިގެން ހުރެ،" ރެޒޫމޯ އިން ބުންޏެވެ.
މި ސެޝަނަށް ހާޒިރުވެގެން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ބޭފުޅަކަށް ސްރީ ލަންކާ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަފީފަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގެ މެމްބަރެކެވެ. އޭނާ އަކީ 15 އަހަރަށް ވުރެ ގިނަ ދުވަހު ޓޫރިޒަމާއި، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކޮށް، މީހުން ބިނާކުރުމުގެ ރޮނގުން އެތައް ތަޖުރިބާއެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.
އަފީފަކީ ބައިނަލްއަގްވާމީ ހޮސްޕިޓާލިޓީ ބްރޭންޑެއް ކަމަށްވާ ލަކްސްގެ ޓެލެންޓް އެންޑް ކަލްޗާ، ސީނިއާ ޑިރެކްޓަރެވެ. އޭނާ އަކީ ރާއްޖޭގެ ހިއުމަން ރިސޯސަސް ޕްރޮފެޝަނަލުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ މަސްއޫލު މެމްބަރެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑްގެ ބިޒްނަސް ސްކޫލުގެ އެގްޒެކެޓިޗް ޕްރޮގްރާމުގެ ދަސްވެނިއެއް ކަމަށްވާ އަފީފް ވަނީ ދުނިޔޭގެ ވަރަށް ގިނަ ކޮންފަރެންސްތަކުގައި ތަގުރީރުކޮށްފަ އެވެ. އަދި ގްލޯބަލް ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ލީޑާޝިޕް އެވޯޑާއި ވޯލްޑް އެޗްއާރްޑީ ކޮންގްރެސްއިން ދޭ "އެންމެ ނުފޫޒުގަދަ 100 ގްލޯބަލް އެޗްއާރް ޕްރޮފެޝަނަލްސް" ގެ ލަގަބު ވެސް އަފީފަށް ވަނީ ލިބިފަ އެވެ.
މި ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކުން ރަޖިސްޓްރީކުރެވޭނެ އެވެ: https://shorturl.at/nBL19
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް