ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަބަބުން ލިބިގެން ދިޔައީ މަސްވެރިންނަށް އިތުރު ހިމާޔަތެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ އިޓްލޮސް ނިންމުމާއި ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އެ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގުތިސާދީ ސަރަހައްދު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އަދި މީގެ ކުރިން މި ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަހައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއް، ކަމަށް އެ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
އައްޑޫ ކައުންސިލުން ބުނީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގާނޫނުތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި ދިވެހި މަސްވެރިންގެ އިޤުތިޞާދީ ހައްޤުތައް ކަށަވަރު ވެފައިވާ ކަމަށެވެ.
މިގޮތުން ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބިގެންދިއުމަކީ މަރުހަބާ ކިޔާކަމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ އިޓްލޮސް އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ނިންމި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިހުތިރާމު ކުރައްވާ ކަމުގެ ހެއްކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް