ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ކުރުމުގައި ކުޑަކުއްޖަކު ބައިވެރިވެއްޖެ ނަމަ އެފަދަ ކުއްޖެއްގެ އަދަބަކީ ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުޑަކުދިންނަށް ހާއްސަ ޖަލެއްގައި ބަންދު ކުރުމެވެ.
ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުށްކުރާ ކުދިންނަށް ދެވޭނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބަޔެވެ.
މި ހުކުމަށް ރިއާޔަތްކޮށް 2019 ވަނަ އަހަރު 15 އަހަރުގެ ކުއްޖަކަށް އެހެން ކުއްޖަކު ޖިންސީ ގޯނާކުރި މައްސަލާގައި ޖުވެނައިލް ކޯޓުން ނޮވެމްބަރު، 2021 ގައި ހުކުމްކުރީ ފަސް އަހަރުގެ ޖަލު ހުކުމުގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ.
މިގޮތުން އެއް އަހަރުގެ މުއްދަތަށް ކަނޑައެޅި ޝަރުތުތަކާ އެކު، ޖަލު ހުކުމް ތަންފީޒު ފަސްކޮށް، އެ ކުއްޖާ ވަނީ ދޫކޮށްލާފައެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަސްލު އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކުޑަކުދިންނަށް ދޭންޖެހޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮތީ ކުޑަކުދިންނަށް އަދަބު ކަނޑައަޅާނެ މިންވަރު ބަޔާން ކޮށްފައިނުވާ މައްސަލަތަކުގައި ކަމަށެވެ.
ހަމައެހެންމެ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންނަށް ދެވޭނެ އަދަބު ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީ އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނުގައި އޮތްގޮތަށް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
އަދި ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ކުއްޖާއަށް ކަނޑައަޅަންޖެހޭ އަދަބާ މެދު ޖުވެނައިލް ކޯޓުން އަލުން ގޮތެއް ނިންމަން އަންގާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހައިކޯޓުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަން ފާހަގަކޮށް، ހުކުމުގައިވަނީ ހާއްސަ ގާނޫނުގައި އޮތީ ކިތަންމެ ހަރުކަށި ނުވަތަ ލުއި އިޖްރައާތެއް ކަމަށް ވިޔަސް، އަމަލުކުރަން ޖެހޭނީ ހާއްސަ ގާނޫނަށް ކަން ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް