ފަސް ރަށެއްގައި އައިސް ޕްލާންޓު ބަހައްޓަށް ފެނަކައާއި ހަވާލުކޮށްފި

ފަސް ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލ...

30 Apr 2023 | 10:28

ފަސް ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މިފަހަރު އައިސް ޕްލާންޓު ހަދަން ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ އާއި އއ. ރަސްދޫ އާއި ދ. މީދޫ އާއި ލ. މާމެންދޫ އަދި ގދ. ރަތަފަންދޫގަ އެވެ. މި ރަށްތަކުގައި އައިސްޕްލާންޓު ބަހައްޓަނީ ސައުދީ ފަންޑުގެ އެހީގައި އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގައިވެސް25 ޓަނުގެ އައިސް ޕްލާންޓު ބަހައްޓާނެ އެވެ. ފެނަކައާ އެ މަސައްކަތް ހަވާލުކުރީ 8 މަސް ތެރޭގައި ފަސް އައިސްޕްލާންޓް ގާއިމްކޮށް، ހިދުމަތް ދިނުމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ އެ ކަމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވުމުން ވެސް ބަޔަކު ހުށަނޭޅުމުންނެވެ. އެހެންވެ، މަސައްކަތް އަވަސް ކުރަން ފެނަކައާ ހަވާލުކުރީ ކަމަށް ބުންޏެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ކަނޑައަޅާފައިވާ މުއްދަތުގައި ފެނަކަ އިން އައިސްޕްލާންޓްތައް ބަހައްޓައި ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަދި މި ފަސް ޕްލާންޓު ބަހައްޓައި ނިމުމުން މި ސަރުކާރުން އައިސްޕްލާންޓު ބަހައްޓަން ވައުދު ވެފައިވާ ރަށްތަކުގައި ޕްލާންޓު ބަހައްޓާ ނިމުނީކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް