އިންޑިއާގެ ފެކްޓްރީއެއްގައި ގޭސް ލީކުވެ އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ތާށިވެފައި!

އިންޑިއާގެ ޕަންޖާބް ސްޓޭޓްގެ ލުދިއާނާ ސިޓީގައި ހުންނަ ފެކްޓްރީއެއްގައި ގޭސް ލީކުވެ ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު އެތަނުގައި ތާށިވެއްޖެ އެވެ. މި ފެކްޓްރީއަކީ ކިރުގެ ބާވަތްތަކުން ތަކެތި އުފައްދާ ތަނެ...

30 Apr 2023 | 06:57

އިންޑިއާގެ ޕަންޖާބް ސްޓޭޓްގެ ލުދިއާނާ ސިޓީގައި ހުންނަ ފެކްޓްރީއެއްގައި ގޭސް ލީކުވެ ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު އެތަނުގައި ތާށިވެއްޖެ އެވެ.

މި ފެކްޓްރީއަކީ ކިރުގެ ބާވަތްތަކުން ތަކެތި އުފައްދާ ތަނެކެވެ. އެތަނުގައި ގޭސް ލީކުވީ މިއަދު ހެނދުނު 7:15 ހާއިރު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެ ކުޑަކުދިން ހިމެނޭހެން މިހާތަނަށް 11 މީހަކު ވަނީ މަރުވެފައި އެވެ. އަދި ފެކްޓްރީ ތެރޭގައި ތާށިވެފައި ތިބި މީހުންގެ އަދަދު އަދި ނޭނގޭ ކަމަށްވެ އެވެ.

މި ހާދިސާގައި މަރުވި އެންމެންވެސް މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މީހުން ފެކްޓްރީ ތެރެއިން ނެރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

ފެކްޓްރީ ތެރޭގެ އިތުރުން މުޅި ސަރަހައްދަށް ގޭހުގެ އަސަރު ވަނީ ކޮށްފައި އެވެ. އެގޮތުން ގޭހުގެ އަސަރުކޮށް އެ ފެކްޓްރީ އާއި މާދުރުނޫން ހިސާބުތަކުގައި ހުރި ގޭގޭގެ ބައެއް މީހުން ވަނީ ހޭނެތިފައި އެވެ.

އެ ސަރަހައްދުގެ ގިނަ ބަޔަކަށް މިއަދު ހޭލެވިފައިވަނީ ނޭވާ ހާސްވެ، ބޮލުގައި ރިއްސައިގަނެގެން ކަމަށް ގިނަ ބަޔަކު މީޑިއާގައި ބުނެފައިވެ އެވެ. ފެކްޓްރީގައި ގޭސް ލީކުވުމުގެ މި ހާދިސާ ހިނގީ ފިނި ކުރާ މެޝިނަކުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގޭހުގެ އަސަރު 300 މީޓަރަށްވުރެ ދުރު ސަރަހައްދަކަށް ކޮށްފައިވާތީ އެ ފެކްޓްރީ ހިމެނޭ ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް