ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަބަބުން ރައްކާތެރިކަމާއި ސިޔާދަތީ ބާރު ކަށަވަރު ވެގެން ހިނގައްޖެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޝަމާލް މިހެން ވިދާޅުވީ ދެކުނުގެ އިމުގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުމާމެދު ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުން ދެކޭގޮތާއި މެދު ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުންޝަމާލް ވިދާޅުވީ އިޓޮލްސްގެ ނިންމުން ނިންމި ދުވަހަކީ ރާއްޖެއަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި ސަބަބަކީ އެއީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހި ދައުލަތް، އޮތުމަށް ބޭނުންވާ ހުރިހާ ސިފައެއް ފުރިހަމަވެގެން ދިޔަ ދުވަހެއްކަމަށެވެ.
ޝަމާލް ވިދާޅުވީ އިމުގެ މައްސަލާގައި ކުރިން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއެރުންތަކެއް އޮތްއިރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނު ތަންފީޒުކުރުމަށް އެމްއެންޑީއެފަށް ދަތިތަކެއް އޮތްކަމަށެވެ.
ނަމަވެސް އިޓޮލްސްއިން ނިންމި ނިންމުމާއެކު ރާއްޖޭގެ އިން މުޅިން ވަކިވެ ކަނޑައެޅިގެން ހިނގައްޖެކަމަށާ، މިކަމުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި ކަނޑުގެ ސަރަޙައްދުގައި ޤާނޫނު ތަންފީޒުކުރުމަށް ވަރަށްބޮޑު ލުއިފަސޭއެއް ލިބިގެން ހިނގައްޖެ ކަމަށް ޝަމާލް ވިދާޅުވެފައި ވެއެވެ.
މިގޮތުން މިއީ ރައްކާތެރިކަމާއި ސިޔާދަތީ ބާރު ކަށަވަރުވެގެން ދިޔަކަމެއްގެ ގޮތުގައި ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އެއީ މިޤައުމުގެ ސިލްމާއި ސަލާމަތްތެރިކަން އުފުލިގެން ދިޔަ ކަރާމާތްތެރި ދުވަހެއް ކަމަށާއި މިކަމަށްޓަކައި ޤައުމީ ދިފާޢީބާރުން އުފާކޮށް ފަޚުރުވެރިވާ ކަމަށްވެސް ޝަމާލް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް