ބޭންކް އޮފް މޯލްޑިވްސް ގެ 2022 ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާ ދައްކާ ގޮތުން މިދިޔަ ކުއާޓަރ އަދި ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.
ބީއެމްއެލްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ ނިމިގެން ދިޔަ ކުއާޓަރއާ އަޅާބަލާއިރު %10 ގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއީ %14 ގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރ އާ އަޅާބަލާއިރު %18 މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ވުރެ %55 އިތުރު އަދަދެއްވެސްމެއެވެ.
ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޜަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމުގައި ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަމަށާއި ނިމިގެންދިޔަ ކުއާޓަރގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައިކަމުގައިވެސް ބޭންކުން ބުނެއެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިންގ ވިއުގަ ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން ހަތަރު ރަށެއްގައި ސެލްފްސަރވިސް ބޭންކިންގ ހިދުމަތް ތައާރަފްކޮށްފައިވެއެވެ. އަދި ހަަމައެހެންމެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ހިންގާފައިވެއެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ ބޭންކަށް ލިބުނު އުފަލެއް ކަމަށާއި ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން ކަމަށެވެ.
"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް