ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތް ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނަކީ އެއް ފޮތަކުން ކިޔަވައިގެން އުޅޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ވިއޮން" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ނަޝީދު ވަނީ ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ބައެއްކަން ފާހަގަ ކުރައްވާފައެވެ.
ނަޝީދު ވިދާޅުވިގޮތުގައި ރާއްޖެ އާއި އިންޑިއާ ރައްޔިތުން އެކައްޗެއް ކައި އުޅޭއިރު، ބަލައި އުޅެނީ ވެސް އެއް ފިލްމުތަކެއް ކަމަށެވެ. އަދި ކިޔައި އުޅެނީ އެއް ފޮތްތަކެއް ކަމަށާއި އަޅުގަނޑުމެން އެކަކު އަނެކަކާ ވައްތަރު ކަމަަށެވެ.
އެހެންކަމުން ބޯ ހަމަ ޖެހޭ ދިވެއްސަކު، އިންޑިއާ ރައްޔިތަކު މި ޤައުމުން ފައިބަން ބުނަންވީ ކީއްވެތޯ ނަޝީދު ވަނީ ސުވާލު އުފައްދާފައެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި މިވަގުތު ވެސް އިންޑިއާގެ އާއިލާތަކާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެކައުންޓަންޓުން އެބަތބިކަމަށާއި އެމީހުންނަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި މުހިންމު ހިއްސާއެއް ވެސް އަދާ ކުރާ ކުރާ ބައެއް ކަމަށެވެ.
މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޓޫރިޒަމް އިންޑަސްޓްރީ އަށް އެތައް އެހީއެއް ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފޯރުކޮށްދީފި ކަމަށާއި އެއީ ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެ އިންވެސްޓްމަންޓްތައް ވިޔަފާރިވެރިންނާއި ދިވެހިން ޝުކުރުވެރިކަމާ އެކުގައި ފާހަގަ ކުރާ ކަމަށާއިި މި ސަބަބުތަކާ ހުރެ، އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ހަރަކާތަކީ މާ މަގުބޫލު ހަރަކާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ރިޔާސީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއްތޯ އާއި އެކަމުގައި ބައިނަލްއަގުވާމީ ފަރާތެއްގެ އަތެއް ވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެއީ އިންތިހާބާ ގުޅުވައި ކުރިއަށްގެންދާ ހަރަކާތެއް ނޫން ކަމަށާއި، ނަމަވެސް
އެ ކެމްޕެއިންގައި ބޭނުންކުރާ ޓީޝާޓުތަކާއި، އެ ހަރަކާތުގެ ތެރެއިން ރަށްރަށަށް ކުރާ ދަތުރުތަކަށް ފަންޑު ހޯދާ ގޮތާއި ގުޅޭގޮތުން ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.
އެއީ ފުލުހުން ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކަށް އެ ދަތުރުތަކަށާއި ޓީޝާޓުތަކަށް ފަންޑު ކުރަނީ ކޮން ބައެއް ކަން ސާފުވާނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާއިން އެ ކެމްޕެއިނަށް ފަންޑު ކުރޭތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އެކަމާ ގުޅޭގޮތުން ފުލުހުން ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޤައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވެސް ވަނީ ކަނޑައަޅައިފައެވެ.
އަދި ޤައުމީ ސަލާމަތާ ބެހޭ މަޖިލިހުން އެގޮތަށް ކަނޑައަޅާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާއި ގުޅޭ ގަރާރެއް ނެރުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް