ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި ޗައިނާގެ ތިން ޓީޗަރަކު މަރާލީ އަންހެނަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
ޕާކިސްތާނު މިނިސްޓްރީން ބުނީ އެހަމަލާ ދީފައިވަނީ ކަރާޗީގައި ހުންނަ ޗައިނީސް ލެންގުއޭޖް ލާނިން ސެންޓަރު ކައިރީގައި ކަމަށެވެ. އެ ސަރަހައްދުގެ ސީސީޓިވީ ފުޓޭޖުތަކާއި ހަވާލާދީ އެ މިނިސްޓްރީން ބުނީ މި ހާދިސާގައި މަރުވީ އެ ތިން ޓީޗަރުން އޭރު ތިބީ އެ ސަރަހައްދުގައި އޮތް ވޭނަކަށް އަރަން އޭގެ ކައިރީގައި ކަމަށެވެ.
މި ހާދިސާގައި އެ ވޭނުގެ ޑްރައިވަރުވެސް މަރުވި އެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ތިބި ހަތަރު ޗައިނާ މީހަކުވެސް ޒަހަމްވި އެވެ.
އެ ހަމަލާގެ ޒިންމާ އެ ގައުމުގައި ހަރަކާތްތެރިވާ ބަލޯޗް ލިބަރަލް އާމީ (ބީއެލްއޭ) އިން ވަނީ ނަގާފަ އެވެ. އެ ޖަމާއަތުން މި ހަމަލާ ދިނީ ޗައިނާ ބަސް ދަސްކޮށްދޭ އެ ސެންޓަރުން ޗައިނާގެ ސަގާފަތާއި ވިޔަފާރިއާއި ސިޔާސީ ކަންކަން އުނގަންނައިދީ ފަތުރަން އުޅޭ ކަމަށް ބުނެ އެވެ.
މި ހާދިސާ އާއި ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާ ރައްޔިތުންތަކެއްގެ ލޭ އޮހޮރިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރި މީހުންނަށް އެކަމުގެ އަދަބު ލިބެން ޖެހޭ ކަމަށް ބުންޏެވެ.
މީގެ ކުރިންވެސް ޗައިނާ ރައްޔިތުންނަށް އަމާޒުކޮށް ޕާކިސްތާނުގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީފައިވެ އެވެ. މިދިޔަ އަހަރު އެ ގައުމުގައި ކަރަންޓުގެ ބިޔަ މަޝްރޫއުއެއްގެ މަސައްކަތް ކުރަމުން ދިޔަ ޗައިނާ ކުންފުންޏެއްގެ13 އިންޖިނިއަރަކު ގޮވައިގެން ދަތުރު ކުރި ވޭނަކަށް ބޮން އަޅައި މަރާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް